އިޒްރޭލުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އާ ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުން އަންނަކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ހަބަރުތައް ފެތުރެން ފެށުނީ އެ ގައުމުގެ ޔާމިނާ ޕާޓީގެ ލީޑަރު ނަފްތަލީ ބެނެޓް މިހާރުގެ އިދިކޮޅު ޕާޓީއާ ގުޅިވަޑައިގަންނަންވަން ނިންމާފައިވާކަމަށް އިއުލާން ކުރުމުންނެވެ. އިދިކޮޅުން ސަރުކާރެއް އެކުލަވާލައިފިނަމަ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.

Ad
rt

ބެނެޓް ބޭރުގެ މީޑިއާތަކަށް ވިދާޅުވެފައިވާގޮތުގައި އޭނާ އިދިކޮޅާ ގުޅެން ނިންމީ އިޒްރޭލު ސަލާމަތް ކުރުމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ނަތަންޔާހޫގެ ވެރިކަމުގައި އިޒްރޭލުގެ ކަންކަން ވަނީ ބޮއްސުންލައިފައެވެ.

ނަތަންޔާހޫ އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާތާ މިހާރު 12 އަހަރު ވެދާނެއެވެ. އޭނާ ވަނީ ބެނެޓު އިދިކޮޅާ ގުޅިވަޑައިގަންނަވާ ކަން އިއުލާނު ކުރެއްވުމާއެކު އިދިކޮޅުގެ ރޭވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އިއުލާންކޮށްފައެވެ.

އިޒްރޭލުގައި މާޗް 23 ގައި އޮތް އާންމު އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކޯލިޝަން ނުހަދައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްއިން ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ސަރުކާރެއް އެކުލަވާލެވެނީ ކްނެސެޓްގައި ހިމެނޭ 120 ގޮނޑިއަށް ވާދަކޮށް އަޣުލަބިއްޔަތުންނެވެ. އެއީ 61 ގޮނޑިއެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ. އަނެއްކޮޅުން ސަރުކާރެއް އެކުލަވާލެއްވުމަށް ނަތަންޔާހޫއަށް ދެއްވި ފުރުސަތުގައި އެކަށީގެންވާ ވަރަށް ބައިވެރިން ލިބިވަޑައިގެންފައެއް ވެސް ނުވެއެވެ.