މާލޭގެ އޮފީސްތައް ބަންދު ކުރުމާއިއެކު އަތޮޅު ތެރޭގައި އައިޑީކާޑު ހެއްދުން ހުއްޓިއްޖެ އެވެ.

މާލެ ސަރަޙައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ، މާލޭގައި ހުންނަ ސަރުކާރުގެ އޮފީސްތައްވަނީ ދެ ހަފްތާއަށް ބަންދުކޮށްފަ އެވެ.

Ad
rt

ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތަށް މެދުކަނޑާލެވިފައިވާތީ، ރަށްރަށުގެ ކައުންސިލް އިދާރާއިން ދެމުންގެންދާ ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު ހެދުމުގެ ޚިދުމަތް ވަނީ އިއްޔެއިން ފެށިގެން މެދުކަނޑާލާފަ އެވެ.

އަތޮޅު ތެރޭގައި މިޚިދުމަތް އަލުން ފެށިގެންދާނީ ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތަށް އަލުން ފެށުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިންވެސް މާލެ ލޮކްޑައުންކުރުމާއި ގުޅިގެން އައިޑީކާޑު ހެއްދުމަށްވަނީ ބުރޫ އަރާފައެވެ. އެއާއި އެކު މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު އެކިއެކި ކަންކަމުގައި ބޭނުންކުރެވޭނެ ގޮތައްވެސް ވަނީ ހަދާފަ އެވެ. އެ ޑިޕާޓްމަންޓުން މިގޮތައްނިންމާފައި ވަނީ ކޯވިޑް-19 އާ ގުޅިގެން އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެމުންދާތީ ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

އައި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން ހުށަހެޅޭނެ ގޮތައްވެސް ބަދަލުތަކެއް ގެނައެވެ.