އިޒްރޭލާއި ގުޅުންބާއްވާ މުއާމަލާތް ކުރާ ފަރާތްތަށް ޖޫރިމަނާކޮށް ޖަލަށްލައި ހަރުކަށި އަދަބު ދިނުމަށް ކުވައިތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ހުކުރު ދުވަހު ފާސްކުރެވުނު މި ބިލާއިއެކު ކުވައިތުގައި އުޅޭ ބޭރުފަރާތްތަކާއި ކުވައިތުގެ ރައްޔިތުން ހިމެނޭ ގޮތަށް ސީދާގޮތެއްގައި އަދި ނުސީދާގޮތެއްގައި އިޒްރޭލާއި އެއްވެސް ގުޅުމެއް ބާއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިގެންދެއެއެވެ.

Ad
rt

މީގެ ތެރޭގައި އިޒްރޭލަށް ދަތުރުކުރުމާއި އެއްވެސް ގޮތަކުން އިޒްރޭލަށް ސަޕޯޓުކޮށް ހަމްދަރުދީވުން ކުވައިތުގެ ރައްޔިތުންނަށް އަދި ކުވައިތުގައި މަސައްކަތްކުރާ ބިދޭސީ ފަރާތްތަކަށްވެސް މަނާކުރެއެވެ.

ކުވައިތުގެ ޤާނޫނު ހަދާ މަޖިލީހުން މި ބިލު ފާސްކޮށްފައިމިވަނީ އެޤައުމުގެ އެތައްހާސް ރައްޔިތުން މަގުތަކަށް ނުކުމެ އިޒްރޭލުގެ ދިދަ އަންދައި ހަރުކަށި އިސްތިއުމާރީ ޔަހޫދީ ދައުލަތަކުން ފަލަސްތީނީންނަށް ދެމުންގެންދާ އަނިޔާއާއި ދެކޮޅަށް ތިބިކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހަފްތާތަކެއް ކުރިން ޣައްޒާއަށް ބޮންއަޅާ އެތައް ފަލަސްތީނީން ޝަހީދުކޮށްލުމާ އެކު މުޅި ދުނިޔޭގެ އެތައްމިތަނުގައި ދަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ހަރަކާތްތައް ހިންގަމުންނެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މިފަހުން އިޒްރޭލުގެ މަޤުބޫލުކަން އެންމެ ބޮޑަށް ގެއްލުނު ފަހަރެވެ. އަދި އަރަބި އިސްލާމީ ޤައުމުތަކާއި އަދި އެހެނިގެން ޤައުމުތަކާއިއެކު ހައްދުފަހަނައެޅި އިސްތިއުމާރީ ޔަހޫދީ ދައުލަތުން ގުޅުންބަދަހި ކުރުމަށް ކުރަމުންދާ މަސައްކަތައްވެސް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެކެވެ.