ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން، ކޯވިޑް ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ގާއިމުކޮށްފައި ހުންނަ މެޑިކަލް ފެސިލިޓީއިން ފާހަގަ ކުރެވުނު ކަންކަން އާންމުކޮށްފިއެވެ.

މިކަންކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަނުން މިއަދު އާންމު ކުރި ނޫސްބަޔާނެއް މެދުވެރިކޮށެވެ. އަދި އެއީ މިމަހުގެ 25 ވަނަ ދުވަހު އެ ކޮމިޝަނުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު، އެ ތަނުން ދެނެގަނެވުނު ކަންތައް ފާހަގަކޮށް ނެރެފައިވާ ބަޔާނެކެވެ.

Ad
rt

އެޗްއާރުސީއެމް އިން ވިދާޅުވީ، އެ ކޮމިޝަންގެ ފަރާތުން، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތް ކުރީ ކޯވިޑް ބަޔަށް އެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެވެ.

މިގޮތުން އެ ފެސިިޓީއަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

އެކަމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ކޮމިޝަނަށް ފާހަގަކުރެއްވިއެވެ.

"ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަ ކުރެވިފައިވެއެވެ." އެޗްއާރުސީއެމްއިން ވިދާޅުވެފަވެއެވެ.

އެޗްއާރުސީއެމްއިން ވިދާޅުވީ، ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާކަމާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނަ ކަމަށެވެ.

މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުންކަމަށްވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަމަށް އެ ކޮމިޝަނުން ވިދާޅުވެފަ ވެެވެ.

"ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރ ކުރިކަމުގައިވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއްނޫންކަން ފާހަގަކުރެވިފައިވެއެވެ. އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ." އެޗްއާރުސީއެމްއިން ވިދާޅުވެފަވެއެވެ.

އެ ފެސިލިޓީއަކީ ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭއިރު، އެކަމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހޭ ކަމަށް އެބަޔާނުގައި ފާހަގަކޮށްފައޮވާއިރު، އެކަމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

"ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު ކުއްލި ޙާލަތްތަކުގައި ބަލިމީހުންގެ ކަންކަމުގައި ޢާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އަދި އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަމްބަރު އަންގާއިރު ބަލިމީހާގެ ޙާލަތު ބަދަލުވާނަމަ ޑޮކްޓަރެއް އެ މަޢުލޫމާތު ޢާއިލާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަން ފާހަގަކުރެވިފައިވެއެވެ." ދެ ޞަފްޙާގެ އެ ބަޔާނުގައި އިތުރަށް ވިދާޅުވެފަ ވެއެވެ.

އެޗްއާރުސީއެމްއިން ވަނީ ހުޅުމާލޭ ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭކަން ވެސް ފާހަގަ ކުރަށްވާފައެވެ. ނަމަވެސް އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭކަމަށާއި، އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ މި ކޮމިޝަނުންބާރު އަޅާ ކަމެއް ކަމަށް އެޗްއާރުސީއެމުން ވިދާޅުވެފަ ވެއެވެ.

އެޗްއާރުސީއެމްއިން ވިދާޅުވީ، ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައި ތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާ ކަމަށާއި، އަދި މިހާގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަވެސް ނުދިނުމުގެ މައްސަލަތަކެއްވެސް ފާހަގަ ކުރެވުނު ކަމަށެވެ.

އެހެންކަމުން މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ކޯވިޑް ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ގާއިމުކޮށްފައި ހުންނަ މެޑިކަލް ފެސިލިޓީއިން ފާހަގަ ކުރެވުނު ކަންކަން އެޗްއާރުސީއެމްއިން ހާމަކުރެއްވިއިރު، އެ ފެސިލިޓީއަކީ ކޯވިޑް ބަލީގައި އެންމެ ގިނަ މީހުން ނިޔާވަމުންދާ ފެސިލިޓީވެސް މެއެވެ.