ކުރީގެ ތުލުސްދޫ ދާއިރާގެ މެންބަރު، މުޙައްމަދު ވަޙީދު އިބްރާޙީމް (ލޯޔަރު ވައްޑެ) ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލު، ވައްޑޭގެ ފާޑުކިޔުން ރައީސް ޞާލިޙަށް އަމާޒުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޞާލިޙްގެ މައްޗަށް، ރައީސް ޞާލިޙަށްވުރެ ބޮޑު މުސާރަ ދެއްވާފައި ބޭރުގައުމެއްގެ ރައީސްކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅަކު ނުލައްވާނަންތޯ ސުވާލުކުރައްވާ ވައްޑޭ ކުރެއްވި އެ ޓްވީޓްގައި ވަނީ، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވުނީތީ ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.
އެ ޓްވީޓްގައި ވައްޑޭ ވަނީ ރައްޔިތުންގެ ކިބައިން "ރައީސް ޞާލިޙް ވެރިކަމަށް ގެނުވުނީތީ" މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙް އިސްތިއުފާ ދެއްވުމަށްވެސް އޭނާ ވަނީ ގޮވައިލަށްވާފައެވެ.
ވައްޑޭގެ ފާޑުކިޔުން ރައީސް ޞާލިޙަށް އަމާޒުކުރަށްވައި، އިސްތިއުފާ ދޭން ގޮވައިލެއްވި އިރު އޭނާ އަކީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ސަރުކާރު ގެނައުމަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ވައްޑޭ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރާއި ދެކޮޅަށް ނުކުމުގެ ވަޑައިގެން އޭރުގެ އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގަތުމުން ޖަލަށް ވެސް ލާފައެވެ. އަދި އޭނާއަކީ މަޝްހޫރު 12 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.
މުޅި ދައުލަތުގެ މައްޗަށް އޭރު ރައީސް ޔާމީނަށް އޮތް ބާރުވެރިކަމަކީ އޭރުގެ މަޖިލިސްގެ މެޖޯރިޓީކަމަށް ގިނަ ބަޔަކު އޭރު ދެކުނެވެ. މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީންގެ އަތުން ގެއްލި، ކަންކަން ބަދަލުވާންފެށި ހިސާބަކީ ބާރަ މެންބަރުން ރައީސް ޔާމީނާއި ދެކޮޅަށް ނުކުތުންކަމަށް ވެސް އޭރު ގިނަ ބަޔަކު ގަބޫލު ކުރިއެވެ. ރައީސް ޔާމީންގެ އަތުން މެޖޯރިޓީ ގެއްލުމުން ވަނީ އެ މެންބަރުންގެ ގޮނޑިވެސް ގެއްލުނުކަމަށް ނިންމައި، މަޖިލިސްގެ ޒިންމާ އަދާކުރުމުން އަހަރަކަށް ވުރެ ގިނަ ދުވަހަށް އެ މެންބަރުން މަރްޙޫމް ކޮށްފައެވެ.
އެ މެންބަރުން ތެރެއިން ލޯޔަރު ވައްޑޭގެ އިތުރުން ކުރީގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވަނީ މި ސަރުކާރުގެ ކުރީކޮޅު މިހާރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިފައެވެ. އަދި ކުރީގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ގެންދަވަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެ މެންބަރުން ތެރެއިން ރައީސް ޞާލިޙްގެ ސަރުކާރަށް ގެންދެވީ އެންމެ މެންބަރެކެވެ. އެއީ ކުރީގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތެވެ. 12 މެންބަރުން ތެރޭ ހިމެނޭ ސައުދު ހުސައިން މިހާރުވެސް ވިލިނގިލީ ދާއިރާގެ ގޮނޑި ތަމްސީލް ކުރަށްވަމުން ގެންދަވާއިރު، ބާކީ މެންބަރުންގެ މާބޮޑު ހިލަމެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!