ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް ހދ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ވާދަކުރައްވައެވެ.
އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރައްވަނީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރ މުޙައްމަދު އިލްހާމް އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އަކީ ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވާ ކައުންސިލަރެކެވެ. ނެއްލައިދޫ ކައުންސިލްގެ މެންބަރ މުޙައްމަދު އިލްހާމް އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން މިހާރުވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކުރާނީ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 މެންބަރު އަދި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެކެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމާއި، ވޯޓުލުމުގެ ފުރުޞަތު ލިބިގެންވަނީ ސިޓީ ކައުންސިލްގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ރަށު ކައުންސިލްގެ މެންބަރުންނެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 12 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 14:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުކަމަށް އީސީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!