ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގެ އާ އެޑްމިނިސްޓްރޭޝަނުން އެ ސަރަހައްދުގައި ބޮޑެތި ޖަރީމާތަކެއްހިންގާ ކަމަށް ބުނެ ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.
ލަކްޝަދީބަކީ މެޖޯރިޓީ މުސްލިމް ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ބަނގުރާ ބުއިން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޓެރިޓަރީގެ އާއެޑްމިނިޓްރޭޝަނުން އަންނަނީ ރާ ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރުމަށް މަަސައްކަތް ކުރަމުންނެވެ.
ހިންދޫ ދީނުގައި ރާ ބުއިމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ގެރިއަކީ އެމީހުން އަޅުކަން ކުރާ އެއްޗަކަށްވުމުން އޭގެ މަސް ކެއުމަކީ މަނާ ކަމެކެވެ. މިއީ އިންޑިއާގެ ބޮޑެތި ސްޓޭޓްތަކުގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
އިންޑިއާގެ ސްޓޭޓްތަކުގައި ގެރިމަސް ކާ މީހުން މަރާލުމަކީވެސް ކުށެއް ނޫނެވެ.
އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރު ގޮތަށް ސީދާ މައި ސަރުކާރުގެ ބާރު ހިނގާ ލަކްޝަދީބަށް އާ އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެއީބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ ޕްރަފުލް ޕަޓޭލްއެވެ.
ޕަޓޭލް މަގާމާ ހަވާލުވުމުގެ ފަހުން އެ ސަރަހައްދުގައި ކޯވިޑް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން، މިދިޔަ އަހަރު އެންމެ ކޭސްއެއްވެސް ނުފެންނައިރު އެ ސަރަހައްދުގެ ފުރަތަމަކޭސް ފެނުނީ މިދިޔަ ޖެނުއަރީ މަހުގައެވެ. އެއީ އެ ސަރަހައްދަށް ދާ މީހުން ކަރަންޓީނުވުމުގެ ގަވާއިދުތައް ޕަޓޭލް ލުއި ކުރެއްވުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިހާރު ލަކްޝަދީބުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު 6،000 އަށް އަރާފައިވާ އިރު ގިނަ ބަޔަކު ވަނީ މިހާތަނަށް މަރުވެފައެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި މީގެ ކުރިން ލަކްޝަދީބު ތަމްސީލު ކުރެއްވި ސައީދު ވިދާޅުވި ގޮތުގައި ޕަޓޭލް އެކުލަވާލައްވާފައިވާ ބިމާ ބެހޭ ޑްރާފްޓް ގަވާއިދަކާބެހޭ ގޮތުންވެސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެ ގަވާއިދުގެ ދަށުން ތަރައްގީގެ ގޮތުގައި ސިފަކޮށްފައިވާ "އިމާރާތް ކުރުމާއި އިންޖިނިއަރިން އާއި މައިން" ކުރުންފަދަ މަސައްކަތްތަކަށް މީހުންގެ ބިން އަތުލުން ސަރުކާރަށް ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ޕަޓޭލްއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އިންޑިއާގައި ކުށުގެ ރޭޓު އެންމެ ދަށް އެއް ސަރަހައްދު ކަމަށްވާ ލަކްޝަދީބުގައި ޕްރިވެންޝަން އޮފް އެންޓި-ސޯޝަލް އެކްޓިވިޓީސް އެކްޓް ނުވަތަ ގުންޑާސް އެކްޓް ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރައްވަނީ ކީއްވެތޯވެސް ސުވާލު އުފައްދާފައެވެ. އަދި އެއީ ދައުވާއަކާ ނުލައިމީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ފުރުސަތުދޭ ގާނޫނެއްކަން ފާހަގަކޮށް، ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެ ގާނޫނު ބޭނުންކޮށްފާނެ ކަމުގެބިރު ފާޅުކޮށްފައެވެ.
ލަކްޝަދްވީޕުގައި ހިނގަމުންދާ ކަންކަން ކުއްވެރިކޮށް މީސްމީޑިޔާ ކެމްޕޭނެއްވެސްވަނީ ފަށާފައެވެ. އެތައް ބަޔަކު ދަނީ SaveLakshadweep ހޭޝްޓެގު ބޭނުންކޮށްގެން އެސަރަހައްދުގައި ހިނގަމުން އަންނަ ތަފާތު އަނިޔާތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!