މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ ރަށެއްގެ ވެއްޓަށް މަސްތުވާތަކެތީގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. އެކަން ފެތުރިގެން ދިޔަގޮތާއި އަދި މީގެ އިތުރުން އެކަމުގެ ސަބަބުން ވެއްޓަށް އުފަންވެގެންދިޔަ ނޭދެވޭ އަމަލުތަކުގެ މައްޗަށެވެ. މި ލިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ މިއަދާ ހަމައަށް މި ވަބާ ފެތުރިފައި ނުވާ ރަށްރަށް، މިފަދަ ހާލަތަކަށް ވެއްޓުމުގެ ކުރިން، ކަންތައް ވެގެންދާގޮތް ދެނެގަނެ މި ކަންކަމުން މިންޖުވުމަށްޓަކައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެކަމަށް ލޯތައް ހުޅުވައިލުމެވެ.
މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގައިލާއިރު ފެންނަމުން ދިޔައީ އަޖައިބު ކުރުވާފަދަ އަމާން މާހައުލެކެވެ. ރަށުގައި ޕޮލިސްޓޭޝަނެއް ނުހުރެއެވެ. ނަމާދަށް އަރާއިރު ފޯނާއި، އައިނާއި އަތުކުރި ގަޑިޔާއި ނުވިތާކަށް ވޮލެޓުވެސް މިސްކިތު ފެންޑާގައި ބާއްވާފައި މިސްކިތައް އެ ދުވަސްވަރު ނަމާދަށް އަރާމީހުން ގިނައެވެ. ބައެއްފަހަރު މިހެން ބަހައްޓާތަކެތި އޭގެ ވެރިފަރާތުން ހަނދުމަނެތި އެތަނުގައި އެ ތަކެތި ބަހައްޓާފައި ދެވޭފަހަރު އާދެއެވެ. އެތައް ގަޑިއިރެއް ނުވަތަ އެއް ދުވަސް ފަހުން އެ ތަކެތި ބަލައި އަންނައިރު ވެސް އެ ތަކެތި އެ ތަނުގައި ހުރެއެވެ. ވަގަށް ގެންދާނެ ނުވަތަ އެއަށް ގެއްލުންދޭނެ އެކަކުވެސް ނޫޅެއެވެ.
ރޭގަނޑު އެގާރަޖެހުމުން ވިޔަފާރިކުރާ ފިހާރަތައް ބަންދުކުރާއިރު ފިހާރަތަކުގެ ކުރިމަތީގައި ބައެއްމުދާ ބަހައްޓާފައި ހުރެއެވެ. ފިހާރަތަކުގެ ކުރިމަތީގައި އެލުވާފައި ހުންނަ ދޮންކެޔޮ ގަނޑުތަކާއި ބަރަބޮލާއި ކަރާފަދަ ތަކެތި ވެސް މިގޮތައް ބަހައްޓާފައި ހުންނަތަން ފެނެއެވެ. އަދި މިނޫން އެހެނިހެން މުދާވެސް ބަހައްޓާފައި ހުރެއެވެ. އެ ތަކެތި ބަލަހައްޓާކަށް އެއްވެސް މީހަކު ބަހައްޓާފައި ނުހުރެއެވެ. ނަމަވެސް އެ ތަކެތި ރައްކާތެރި ކަމާއިއެކު އެތަނުގައި ހުރެއެވެ. އެ ދުވަސްވަރު އެއްވެސް ހިދުމަތެއް ދޭ ތަނެއްގައި ކެމެރާއެއްހާ ހިސާބު ވެސް ހަރުކޮށްފައި ނުހުރެއެވެ.
ސައިކަލްތަކުގެ ތަޅުދަނޑި ޖަހާފައި ބެހެއްޓުމާއި، ބަނދަރު ފަދަ ތަންތަނުގައި އަގުބޮޑެތި މުދާ ގިނަދުވަސްތަކެއް ވަންދެން އެއްވެސް ޖެހިލުމެއްނެތި ބެހެއްޓުމާއި ދަނޑުވެރިންގެ ދަނޑުތަކުގައި ހައްދާ ގަސްތަކުންލިބޭ މޭވާތަރުކާރީ ވެސް ދަނޑުތަކުން ބަޔަކު ވަގައް ގެންދާ ވާހަކަ އަކީ އެދުވަސްވަރު އަޑުއިވޭ ވާހަކަތަކެއް ނޫނެވެ. މަސްތުވާތަކެތީގެ ވަބާއަކީ އެ ދުވަސްވަރު އޮތްކަމެއް ނޫނެވެ. ވުމާއިއެކު އަމާންކަމާއި އިޖުތިމާޢީ ހަމަޖެހުމާއި އުފާވެރި ވެށީގެ ހިތްހަމަޖެހުން އެންމެ ފުރިހަމައަށް އެދުވަސްވަރު އޮތެވެ.
މަސްތުވާތަކެތީގެ ވަބާ މަޑުމަޑުން ފެތުރެން ފެށިއެވެ. އިނގިލިން ގުނާލެވޭ ހާ މަދުބަޔަކު އެކަން ފުރަތަމަ ކުރަމުން ގެންދިޔައީ ވަރަށް ސިއްރުންނެވެ. ވަގަށެވެ. އެ ދުވަސްވަރު އެއީ މަދުބަޔަކަށްވުމުން ރައްޔިތުންގެ ތެރެއުން ކަމުވޮށިގެންވާ މީހުން ނުކުމެ އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން ދުވަސްތަކެއް ވަންދެން އެކަން އިތުރުނުވެ ހިފެހެއްޓިފައި އޮތެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމާއި ދަތުރުފަތުރުގެ ފަސޭހަކަމާއި އަދި ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި އަދި ހާއްސަކޮށް ފާޑުފާޑުގެ ހައްޤުތަކުގެ ސަބަބުން އެބައި މީހުންނަށް ތަފާތު ނަންނަމުގައި މިނިވަންކަން ލިބިގެން ދިޔައެވެ.
މިހާހިސާބަށް ފޯރިއިރު ރަށުގައި ސައުވީސް ގަޑިއިރު ޚިދުމަތްދޭ ޕޮލިސްޓޭޝަނާއި އަދި މީނޫން ތަފާތު މުއައްސަސާތައް ހުއްޓެވެ. ނަމަވެސް މަސްތުވާތަކެތި ހުއްޓުވުމުގައި މާބޮޑުކަމެއް ކުރެވުނުތަނެއް ނުފެނެއެވެ. އެ ދުވަސްވަރު މަސްތުވާތަކެތި ގެންގުޅޭކަމުގެ ކިރިޔާ ހިލަމެއްވިޔަސް ރައްޔިތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަމުން ގެނދިޔައެވެ. މިކަމާއި ގުޅިގެން އެ އަމަލު ހިންގާމީހުން ހައްޔަރު ވެސް ކުރެވުނެވެ. ހައްޔަރު ކުރެވުނު ނަމަވެސް އެ މީހުންނަށް އެއްވެސް އަދަބެއް ދެވޭތަނެއް ނުފެނުނެވެ. ތަކެއްޗާއިއެކު ހައްޔަރު ކުރެވުނު ނަމަވެސް ހައްޔަރު ކުރެވޭތާ ކުޑަދުވަސްކޮޅެއް ފަހުން އެހެން މީހުންނެކޭ އެއްގޮތަށް މުޖުތަމަޢުތެރެއަށް ދޫވެ، މުޖުތަމަޢު ތެރޭގައި އުޅެމުންދެއެވެ. މިހެން މިކަން ތަކުރާރުވާން ފެށުމުން އެ މީހުންނަށް މާބޮޑުކަމެއް ނުކުރެވޭނެކަން އެ މީހުންނަށް ވެސް އެނގިގެން ދިޔައެވެ. މިހެންވުމުގެ ސަބަބުން މަޑުމަޑުން އޭގެތެރެއަށް އެހެން ޒުވާންކުދިން ވައްދައި ނެޓްވޯކް ބޮޑުކޮށްލިއެވެ. ރިޕޯޓުކުރިއަސް ވާކަމެއް އަދި ވީކަމެއް ވެސް އަދި އައި ހެޔޮ ބަދަލެއް ނެތުމުން ރައްޔިތު މީހާއަށް މިކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަކީ އެއްވެސް މާނައެއް ނެތްކަމެއް ކަމުގައި ޤަބޫލުކުރަން މަޖުބޫރުވިއެވެ.
މަސްތުވާތަކެތީގެ ބޭނުން ކުރުމުގައި ހަރަކާތްތެރި ވަމުން ގޮސްފައިވަނީ ހަމައެކަނި ވަޒީފާއެއްނެތް، ކަމެއް ނުކުރާ ޒުވާނުން އެކަންޏެއް ނޫނެވެ. ރަށުގެ ރަނގަޅު ބައެއް ވަޒީފާތަކުގައި ތިބި މީހުންވެސް އެކަމުގެތެރޭގައި ހިމެނެއެވެ. މީގެއިތުރުން ދިރިއުޅުމެއްފަށާފައި ތިބި މީހުން ވެސް ހިމެނެއެވެ. މި ވަބާގައި ޖެހުމުގެ ސަބަބުން މިކަން ކުރަމުން ދިޔަމީހުންގެ ވަޒީފާތައް ގެއްލި ދިރިއުޅުން ފަށައިގެން އުޅުނު މީހުންގެ ދިރިއުޅުން ރޫޅިގެން ދިޔައެވެ. މި ނުބައި އަމަލު ހިނގަމުންދިޔަ ވަޒީފާތަކުގައި ތިބި މީހުން ވަޒީފާތަކުން ކަނޑާލަން އެ ވަޒީފާދިން މީހުންނަށް މަޖުބޫރުވީ އެ މީހުންގެ މަކަރާއި ފަރުވާކުޑަ ކަމުގެ ސަބަބުންނެވެ. މިހެން ވުމުގެ ސަބަބުން އެ މީހުންނަށް ފައިސާ ލިބޭނެ ދޮރުތައް ވަރަށް ބޮޑަށް ހަނިވިއެވެ. އެކަން ކުރުމަށް ފައިސާހޯދުމުގައި ދަތިތަކާއި ކުރިމަފިވުމުން ދެން ފެށިގެން ދިޔައީ ތަފާތު މަރުހަލާއެކެވެ.
އެ މީހުން ހުއްޓުވުމުގައި ކުރެވޭނެކަމެއް ނެތުމުން ދެން އެ މީހުން އެކަމުގައި ހަރަކާތްތެރިވަމުން ދިޔައީ ފާޅުކަން ބޮޑުގޮތެއްގައެވެ. ކަންކަން މަތީގައި ވިއްކަނީއެވެ. އެކަން ކުރުމަށް ފައިސާ ހޯދުމަށް މީހުންގެ މުދަލުން ވައްކަން ކުރަން ފެށިއެވެ. ދަނޑުތަކުން ކެޔޮ ކަނޑަނީއެވެ. ރުއްތަކުން ވަގަށް ކާށިއަޅަނީއެވެ. ސައިކަލުތަކުގެ މަޑި ހަލާކުކޮށް ސައިކަލުތަކުން ވައްކަން ކުރުމުގެ އިތުރުން ދުވަސްވީ މީހުންނަށް އޮޅުވާލައިގެން އެމީހުންގެ އަތުން ފައިސާ ހޯދަނީއެވެ. ޒަމާންތަކަކަށް މުޖުތަމަޢުގައި އޮތް މުދަލުގެ ރައްކާތެރިކަން ގެއްލުނީއެވެ.
ހިތާމައަކީ ބައެއް ވިޔަފާރިތަކުން އެ މީހުން ނުއަގުގައި ވިއްކާ ތަކެތި އެއީ ވަށްކަންކޮށްގެން ގެނެސް ވިއްކާ ތަކެތިކަން އެނގިހުރެ ވެސް ގަންނަކަމެވެ. ހުއްޓުވޭނެ ގޮތެއްނެތެވެ. އެންމެންނަށް ވެސް އެނގެއެވެ. އެންމެނަށްވެސް ފެނެއެވެ. އެކަމަކު ނުފެންނަ ކަމަށް ހަދައިގެން އުޅުންނޫން ގޮތެއް ނެތްކަހަލައެވެ. މިބައި މީހުންގެ ފަރާތުން ފެންނަ ގޯސްކަންކަން ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ. މިހައިހިސާބައް މަގުފޭރުމާއި، މާރާމާރީފަދަ ކަންކަން ނެއްކަމުގައި ވީނަމަވެސް މި މައްސަލައައް ހައްލު ހޯދުމުގައި ކުރިއެރުންތަކެއް ނުހޯދިއްޖެނަމަ އެ ކަންކަމަކީ ވެސް ނުފެންނާނެ ކަންކަން ކަމުގައި ދެންނެވޭކައްނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!