ހަގީގަތަކީ ރައްޔިތުންނަށް ނުބައި ނަސޭހަތްތަކެއް ދެވުން ކަމަށް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މިއަދު މި ރާއްޖެ މި ހިސާބަށް ގޮއްސައި މި އޮތް ގޮތުގެ ހަގީގަތް ގަބޫލު ކުރަންޖެހޭ ކަމަށެވެ.
ކޯވިޑްގެ ހާލަތު މިހިސާބަށް ދިޔުމުގައި އެތައް ބައެއްގެ އިހުމާލު އެބައޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިއަދު ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކޮށްފައިއަދި ވަކި މީހަކާ ދިމާލަށް އިނގިލި ދިއްނުކޮށް ތިބެވޭ ވަރަށް ވުރެ ކޯވިޑްގެ މައްސަލަ ވަނީ ބޮޑުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރާނަތަކެއް މި ދަނީ. ހަމަ ކޮންމެވެސް ޢާއިލާއެއްގެ ކޮންމެވެސް މީހެއްގެ މަންމައެއް، ކޮއްކޮއެއް، ދައްތައެއް. އެހެންވީމާ، މިއަދު މިއީ އަޅުގަނޑުމެން މި ރާއްޖޭގެ އެންމެހައި ރައްޔިތުން ވެސް އެއްބައިވަންތަކަން ދައްކަންވީ ވަގުތު." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މި ވަގުތަކީ ވަކި ކުލަޔަކަށް، ވަކި ސިޔާސީ ފިކުރަކަށް ނުބަލައި އެންމެން އެކައްޗެއްގެ ގޮތުގައި މަސަކަތްކޮށްގެން، ޞިއްޙީ މާހިރުން ދެއްވާ ލަފަޔަށް ތަބާވެ، އެކުގައި މަސައްކަތްކޮށްގެން ނަތީޖާ ނެރެންވީ ވަގުތު ކަމަށެވެ.
"އިއްޒަތްތެރި ރައީސް، ޙަޤީޤަތަކީ ރައްޔިތުންނަށް ނުބައި ނަސޭހަތްތަކެއް ދެވުން! އެއީ އަޅުގަނޑުމެން މިއަދު ނުހަނު ކަންބޮޑުވާ މައްސަލައެއް. އެގޮތުން، މުޅި ރާއްޖޭގެ ކަންކޮޅުތަކަށް މިއަދު މި ވަނީ މި ބަލި ފެތުރިފަ." ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޯވިޑް ފެސިލިޓީތަކުގައި ދޭ ޚިދުމަތްތަކާމެދު ރައްޔިތުންގެ ނުތަނަވަސްކަން ހުރިކަމަށް މިހާރު އަޑުއިވިގެންދާ ކަމަށެވެ. އަދި މިއަދު ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެ ފެސިލިޓީތަކުގައި ކަންކަން ހިނގަމުންދާ ގޮތް ވަރަށް ވެސް ގާތުން ބަލަމުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރަށްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ވާހަކާގައި ވަނީ، އޭނާގެ ދާއިރާގެ ބައެއް ރަށްތަކުގެ ހާލަތާމެދު ވެސް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. މަޖިލީހުގައި ޝަހީމް ތަމްސީލް ކުރަށްވާ ކަނޑިތީމުގެ ދާއިރާގެ މައިރަށް ކަނޑިތީމުގެ ކޯވިޑް ހާލަތު ގޯސްވެ އެ ރަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮތީ މޮނިޓަރިން ހާލަތުގައެވެ. އަދި މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 76 އަށް އަރާފައެވެ.
"ކަނޑިތީމު ދާއިރާއަށް ބަލައިލާއިރުގައި، ކަނޑިތީމުގައި މި ނުހަނު ނުތަނަވަސްކަމެއްގެ ތެރޭގައި، އަޅުގަނޑުގެ ދުޢާއަކީ، ކަނޑިތީމުގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަން ދެއްވައި، އަދި އެ ބަލީގައި ތިބި ފަރާތްތަކަށް އަވަސް ޝިފާ ލިބިގެންދިއުން. ހަމަ އެގޮތުން ގޮއިދޫގެ ރައްޔިތުންނަށް ވެސް، ހަމަ ނޫމަރާގެ ރައްޔިތުންނަށް ވެސް، އަދި ބިލެތްފަހީގެ ރައްޔިތުން، އަދި ޚާއްޞަކޮށް ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އެންމެހައި ރައްޔިތުންނަށް." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އޭނާ ނިސްބަތްވާ ށ. އަތޮޅާއި މުޅިރާއްޖޭގެ ކޯވިޑްގެ ހާލަތުވެސް އޮތީ އަތްނުފޯރާ ހިސާބަށް ގޮސްފައެވެ. އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ، ށ. އަތޮޅުގެ ކަނޑިތީމު، މިލަންދޫ، ގޮއިދޫ، އަދި ޅައިމަގު އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!