މާލެ ސަރަޙައްދުގައި މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު އިތުރުކޮށް ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި އެސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
މީގެކުރިން ހަވީރު 16:00އިން ފަތިހު 04:00 އަށް އޮތް 12 ގަޑިއިރުގެ ކާފިއު ވަގުތު ބުދަ ދުވަހުން ފެށިގެން ހެނދުނު 08:00 އާއި ހަމައަށްވަނީ އިތުރުކޮށްފައެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ބުދަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ދޫކުރާ ޚާއްސަ ހުއްދައަކާއެކުކަމަށެވެ.
އެގޮތުން ކޮންމެ ގޭބިސީއަކުން 2 މީހަކަށް ހުއްދަ ލިބިގެންދާނެކަމަށާ، މި ހުއްދަ ދޫކުރާނީ ކަރަންޓް މީޓަރަށް ބަލައިގެންކަމަށް ވިދާޅުވި އެވެ. ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އެ ފާސް ދޫކުރާނެ ކަމަށް އެޗްއީއޯސީން ބުނެ އެވެ. އެ ހުއްދަ ބޭނުންކުރެވޭނީ ހުއްދަ ދޫކުރާ މީހާ އަށް އެކަންޏެވެ. ފުލުހުން ބުނިގޮތުގައި ކާފިއު ގަޑީގައި އެއްވެސް މީހަކަށް މަގުމަތީގައި އުޅެވޭނީ ކޮންމެވެސް ހުއްދައެއް އޮވެގެންނެވެ.
މީގެ އިތުރުން ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އެއިން ޚިދުމަތެއް ހޯދައިފިނަމަ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވިދާޅުވި އެވެ.
މިއަންނަ ބުދަ ދުވަހުން ފެށިގެން ހަރުކަށި ކުރާ ފިޔަވަޅުތަކަށް ބަލާލާއި އޭގެ ތެރޭގައި ހިމެނެނީ
- ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.
- ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.
- ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.
- ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.
- ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް
- ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ދެ ހަފްތާއަށް ހުއްޓާލުން.
މިފަހަކަށް އައިސް، ރާއްޖެއިން ކަންބޮޑުވާ މިންވަރަކަށް ކޮވިޑްގެ ކޭސްތައް ރިޕޯޓުކުރެއެވެ. ކޭސްތަކާއި އެކު މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްގޮތެއްގައި ފަސް މަރު ރިޕޯޓުކުރެވެއެވެ. މި މަހު އެކަނިވެސް 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!