އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ލިވަޕޫލާއި ޗެލްސީ ކަށަވަރު ކޮށްފިއެވެ.

ލީގުގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެ ރޭ އެއްވަގުތެއްގައި ކުޅެފައިވާއިރު، ފަހު މެޗުތަކާއި ކުރިމަތިލީއިރު ލީގުގެ ގަދަހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފައެވެ. ފަހު މެޗުތައް ކާމިޔާބު ކޮށްގެން ލިވަޕޫލަށާއި ޗެލްސީއަށް އެ ދެޖާގަ ކަށަވަރު ކުރުމުގެ އަމިއްލަ ބާރު އޮތްނަމަވެސް ލެސްޓާ ސިޓީއަށް ވެސް ފުރުޞަތުއޮތެވެ.

Ad
rt

އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕަލަސް 2-0 ގެ ނަތީޖާއިން ބަލިކޮށް ގަދަ ހަތަރެއްގެ ތެރެއަށް ވަދެފައެވެ. އެސްޓަންވިލާ އަތުން ޗެލްސީ ބަލިވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ އެ މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ގަދަހަތަރަކުން ޖާގަ ކަށަވަރު ވެގެން ގޮސްފައިވަނީ އެ ޖާގައަށް ވާދަކުރަން އޮތް ލެސްޓާ ސިޓީ ޓޮޓެންހަމް އަތުން 4-2 ގެ ނަތީޖާއިން ބަލިވުމާއި ގުޅިގެންނެވެ. ޗެލްސީ ބަލިވިއިރު ލެސްޓާއަށް ޓޮޓެންހަމް މެޗުން މޮޅުވެގެން ގަދަހަތަރެއްގެ ތެރެއަށް ވަނުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް އެ ޓީމަށް އެ ފުރުޞަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޕޮއިންޓް ތާވަލު މިވަގުތު އޮތްގޮތަށް ބަލައިލާއި 38 މެޗުން 86 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ދެވަނާގައި 38 މެޗުން 74 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، ތިންވަނާގައި އޮތީ 69 ޕޮއިންޓް ހޯދައިގެން ލިވަޕޫލެވެ. ޗެލްސީއަށް ހަތަރުވަނަ ލިބެނީ 67 ޕޮއިންޓާއި އެކުގައެވެ.

އަންނަ ސީޒަންގެ ޔޫރަޕާ ލީގުން ޖާގަ ލިބިގެން ގޮސްފައިވަނީ 38 މެޗުން 66 ޕޮއިންޓް ހޯދައި ޕޮއިންޓް ތާވަލުގެ ފަސްވަނާގައި ނިންމާލި ލެސްޓާ ސިޓީއާއި، 38 މެޗުން 65 ޕޮއިންޓް ހޯދައި ހަވަނާގައި ލީގު ނިންމާލި ވެސްޓްހަމް ޔުނައިޓެޑަށެވެ.

ލިވަޕޫލާއި ކްރިސްޓަލް ޕަލަސް ވާދަކުރި މެޗުގައި ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ލިވަޕޫލަށް ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ސަޑިއޯ މަނޭއެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މަނޭ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

އެސްޓަންވިލާ އަތުން ޗެލްސީ ބަލިވި ނަމަވެސް އެ ޓީމުން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއްދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ޗެލްސީން އުފެއްދި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި އެސްޓަންވިލާގެ ކީޕަރު މާޓިނޭޒްގެ މޮޅު ކުޅުން ވަނީ މި މެޗުގައި ފެނިގެން ގޮސްފައެވެ. މި މެޗުގައި އެސްޓަންވިލާއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ކޯނަރަކުން ބާޓްރަންޑް ޓްރައޯރޭއެވެ.

ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 52 ވަނަ މިނެޓުގައި އެސްޓަންވިލާއަށް ކާމިޔާބު ކޮށްދީފައިވަނީ އެލްގާޒީއެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޗިލްވެލްއެވެ. މެޗުގެ 89 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ގްރީލިޝްއަށް އަތުން ހަމަލާ ދިނުމުގެ ސަބަބުން ޗެލްސީގެ ކެޕްޓަން އަޒްޕިލްކުއޭޓާއަށް ރެފްރީވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. އެ ޓީމުން މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ލެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ލެސްޓާއިންނެވެ. މި ލަނޑު ލިބުނު ޕެލަލްޓީއަކުން 18 ވަނަ މިނެޓުގައި ވާޑީ ކާމިޔާބު ކޮށްދިން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 41 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭންއެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލެސްޓާއިން ވަނީ މެޗުގައި ދެވަނަ ފަރަށް ލީޑު ނަގާފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ވާޑީއެވެ. ޓޮޓެންހަމްއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކޮށްފައިވަނީ 76 ވަނަ މިނެޓުގައި ލެސްޓާގެ ކީޕަރ ޝުމައިކަލް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުތް ގެރެތު ބޭލް މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑުންނެވެ.

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފާހަގަ ކޮށްލެވޭ ބައެއް މެޗުތަކަށް ބަލައިލާއިރު ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ލީގުގެ އަށް ވަނާގައި ލީގު ނިންމާލި އާސެނަލް ވެސް ވަނީ ބްރައިޓަން އަތުން 2-0 ގެ ނަތީޖާއިން މޮޅުވެފައެވެ.