ހއ. މުރައިދޫ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުންދާ ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ލިބޭ އެންމެބޮޑު ހިތްވަރަކީ އެރަށުގެ ރައްޔިތުންގެ ކިޔަމަންތެރިކަމާއި، ދައްކާ ނަމޫނާއެވެ.
އެވާހަކަތައް މިނޫހަށް ހިއްސާކޮށްދެއްވީ، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާންއެވެ. އެވާހަކަތަކަށް ދިޔުމުގެ ކުރީން މުރައިދޫއަށް ކުރިމަތިވި ހާލަތުން ތަންކޮޅެއް ތިލަކޮށްލާނަމެވެ.
މުރައިދޫ ރައްޔިތުންނަށް ސިހުމެއް
މިމަހުގެ 18 ވަނަ ދުވަސް ވެގެން ދިޔައީ މުރައިދޫގެ ރައްޔިތުންނަށް ސިހުން ގެނުވި ދުވަހަކަށެވެ. އެދުވަހަކީ މިފަހުން ރަށުން ބޭރަށް ދަތުރެއް ވެސް ނުކޮށްހުރި އެރަށު މީހެއް ކޯވިޑަށް ޕޮޒިޓިވްވިކަމުގެ ޚަބަރު ރައްޔިތުންނަށް ލިބުނު ދުވަހެވެ.
އެމީހާގެ ކިބައިން ކޯވިޑް ބަލިކަމަށް ޝައްކުކުރެވޭ އަލާމާތް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކީ އޭގެ ކުރީ ދުވަހެވެ. ދަތުރެއްވެސް ނުކޮށް ރަށުގައި ހުރި މީހަކަށް މިބަލިހެޖުނުކަން އެރަށުގެ ރައްޔިތުންނަށް އިނގުނީ މެއި 18 ވަނަ ދުވަހުގެ އިރު މެދުން ލަނބާލިފަހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަމައެދުވަހުގެ 16:18 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސް، އެރަށަށް އަރައިފޭބުން މަނާކުރިއެވެ.
އެދުވަހުގެ އެ ހިނދުން ފެށިގެން މުރައިދޫރައްޔިތުން ތިބީ ފުރަބަންދުގެ ހާލަތުގައެވެ. އެރަށްޔިތުން ކޮންމެހެން ޒަރޫރީ މުހުތާދެއް ޖެހިގެން މެނުވީގެއިން ވެސް ނުކުމެ ނޫޅެއެވެ.
މިއަދާއި ހަމައަށް އާދެވުނުއިރު މެއި 18 ވަނަ ދުވަހު އެރަށުން ޕޮޒިޓިވް ކޭހާއި ގުޅިގެން ޖުމްލަ 26 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ވެސް އެރަށުގެ 25 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
އާ ކައުންސިލަށް ފުރަތަމަވެސް ކުރިމަތިވީ އިމްތިހާނަކާ!
މުރައިދޫއަށް ކުރިމަތިވި މިހާލަތުގައި، ރަށުގެ ރައްޔިތުން ގޮވައިގެން ސަލާމަތުގެ މަންޒިލަށް ދަތުރުކުރުމުގެ އިސް މާލިމީންގެ ގޮތުގައި ތިބީ އެރަށު ރައްޔިތުން ދާދިމިދާކަށް ދުވަހު އިންތިޚާބުކުރި ކައުންސިލަރުންނެވެ. އެ ކައުންސިލަރުންގެ "ފައިން ވެލިވެސް ނުހިކެނީސް" ކުރިމަތިވީ ބޮޑު އިމްތިނަކާއެވެ. މި އިމްތިހާނުން ފާސްވެ، ރައްޔިތުން ދިން އިތުބާރު ދެގުނަ ކުރުމަކީ މިއަދު އެ ކައުންސިލަރުންގެ އެންމެ ބޮޑު ލަނޑު ދަނޑިއެވެ.
އެއީ ބަރީއަވެވެން ނެތް ޒިންމާއެއްކަން އެ ކައުންސިލަރުންގެ ވެރިއަކަށްހުންނެވި ކައުންސިލްގެ ރައީސް، ހިތާ ރޫހުން ގަބޫލު ކުރަށްވައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވާހަފެއްޓެވީ ރައްޔިތުންގެ ވާހަކައިންނެވެ. ވާހަކަ ނިންމަވާލީ ވެސް ރައްޔިތުންގެ ވާހަކައިންނެވެ.
"އެންމެ މުހިންމީ ރައްޔިތުންގެ ސަލާމަތްތެރިކަން، މިއަދުގެ މިހާލަތުގައި އަޅުގަނޑުމެން ކައުންސިލަރުންނަށާއި، ކައުންސިލްގެ އެންމެހާ މުވައްޒަފުންނަށް ވެސް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކީ މިހާލަތުން އަރައިގަތުމަށް މުރައިދޫ ރައްޔިތުން ދައްކާ ކިޔަމަންތެރިކަން، އެޗްޕީއޭގެ އުސޫލުތަކަށް ބޯލަނަބައި، ކައުންސިލްގެ އެންގުންތަަކަށް އެރައްޔިތުންދަނީ ފުރިހަމައަށް ބޯލަނބަމުން، އަޅުގަނޑުމެންގެ ހިތްވަރަކީ އެއީ، މިއީ ނަމޫނާ ރައްޔިތެއް" ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ، އެރަށް މިހާރު ކުރަމުންދާ ތަޖުރިބާގައި އެރަށުގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރަކީ އެންމެ އިސްކޮށް ފާހަގަކުރާންޖެހޭ އެއްކަންތައް ކަމަށެވެ. އަދި ރަށުގެ މުއައްސަސާތަކާއި، ވިޔަފާރިވެރިންނާއި އަދި ވަކިވަކި ފަރުދުން މިކަމަށްދެއްވާ މަދަދަކީ ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ރަށުގެ ސިއްހީ ޚިދުމަތްތެރީންނާއި، ފްރަންޓްލައިން މަސައްކަތްތެރީން އެކުރަނީ އާދަޔާ ޚިލާފް ހިތްވަރެއް، އެ ފަރާތްތަކަށް ހިތްވަރުދީ، ކައުންސިލާއެކު ރަށުގެ ވިޔަފާރިވެރިންނާއި، އެކިއެކި އެތައް ފަރުދުންނެއް ޝާމިލްވޭ" ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވިގޮތުގައި މުރައިދޫ ކައުންސިލްގެ ނައިބު ރައީސާއި، ކައުންސިލަރުން އަދި ކައުންސިލް މުވައްޒަފުން ވެސް މިހާލަތުގައި ރައްޔިތުންނަށް ޓަކައި ވަމުންދަނީ ވަރަށް ބޮޑު ގުރުބާނީއެކެވެ. އޭނާ "ކަރަންޓީނުގައި ބަނދެވިފައި" ހުރިނަމަވެސް ރައްޔިތުންނަށްޓަކައި ކައުންސިލުން އެއްވެސް ކަމެއް އުނިވިޔަނުދީ، ފުރިހަމަ، ބުރަ މަސައްކަތެއް ކުރަމުންދާކަން ސިނާން ފާހަގަ ކުރެއްވިއެވެ.
ކިޔަމަންތެރި ރައްޔިތެއް، ދައްކަނީ ނަމޫނާއެއް
މުރައިދޫ ރައްޔިތުންގެ ކިޔަމަންތެރިކަން ފަށްކުރަށްވަމުން އޭނާ ވިދާޅުވީ، އެރަށް މޮނިޓަރިން ހާލަތަށް ގެނައުމާއެކު ރައްޔިތުން ތިބީ ގޭގައި މަޑުކޮށްގެން ކަމަށެވެ. އަދި އެރަށްޔިތުން އެޗްޕީއޭގެ ގައިޑްލައިންތަކަށާއި، ކައުންސިލުން އެންގި އެންގުންތަކަށް ފުރިހަމައަށް ބޯލަނބައިގެން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
"ޒަރޫރީ ބޭނުމެއްގައި އެއްކޮށް ތިން މީހުންނަށްވުރެ ގިނައިން ނުނުކުންނަށް އަންގާފައި އޮތްނަމަވެސް މުހުތާދަކު ނުކުންނަ މީހާވެސް ނުކުންނަނީ އެކަނި، ހެލްތު ސެންޓަރުގެ ހުއްދަވެސް ހޯދާ، ނުކުންނާނީ މާސްކު އަޅައިގެން، ގައިދުރުކަމަށް އިސްކަންދޭ، މިކަންކަމަކީ މިރަށަށް މިހާލަތުން އަރައިގަތުމަށް ލިބޭ އެންމެ ބޮޑު އުންމީދު" ސިނާން ވިދާޅުވިއެވެ.
ކުރީން ފާހަގަ ކުރެއްވިހެން ލިބޭ އެންމެ ބޮޑު ހިތްވަރަކީ، އުންމީދަކީ ވެސް މިހާލަތުގައި ރައްޔިތުން ދެއްވާ އެއްބާރުލުންކަން ސިނާން ފާހަގަ ކުރެއްވިއެވެ. މުރައިދޫ ރައްޔިތުންނަކީ ނަމޫނާ ރައްޔިތެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކިޔަމަންތެރި ރައްޔިތެއްކަން އޭނާ ތަކުރާރު ކުރެއްވިއެވެ.
މޮނިޓަރިން ހާލަތުގައި މުރައިދޫގެ ރަށުތެރެ، ފެންނަނީ ހިމޭންކަން
ރައްޔިތުންގެ ހާލު ގާތުންބެލޭ، ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދުގައި!
ސިނާން ވިދާޅުވިގޮތުގައި، އެރަށުން މިހާތަނަށް ޕޮޒިޓިވްވި 26 މީހުންނަކީ ވެސް އެންމެ ފުރަތަމަ ޕޮޒިޓިވްވި ތިންމީހުންނާއި ގުޅުން ހުރިމީހުންނެވެ.
"ކޭސްތައް މިހިރީ އެއް ސާކަލެއްގެ ތެރޭ، އެންމެ ފުރަތަމަ ޕޮޒިޓިވްވި ތިން މީހުންނާ ގުޅުންހުރި މީހުން މިހާތަނަށް ޕޮޒިޓިވްވީ، އެ ސާކަލުން ބޭރަށް ނުދާހާ ހިނދަކު ހިތްހަމަޖެހުންލިބޭ" ސިނާން ވިދާޅުވިއެވެ.
އެރަށުގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވެފައި ތިބި އެންމެނާއިހެން ކޮންމެ ދުވަހަކު އެއްފަހަރު ސިނާން ގުޅައެވެ. ކަރަންޓީނުގައި ތިބި ގޭތަކުގެ މީހުންގެ ހާލުވެސް ބަލައެވެ. ސިއްހީ މަރުކަޒުންވެސް އެކަން ކުރައްވައެވެ.
ކަރަންޓީނުކުރެވިފައިވާ ބައެއް ގޭތަކަކީ ކުނިއުކާލުމުގެ ޚިދުމަތަށް ރަޖިސްޓަރީ ނުކުރާ ގޭތަކެވެ. ނަމަވެސް އެ ގޭތަކުން ކުނި އުކާލެވޭނެ ގޮތްވެސް ކައުންސިލުން ވަނީ ފަހިކޮށްދީފައެވެ. ރައްޔިތުންނަށް އިތުރު މުހުތާދެއް ޖެހުނަސް ކައުންސިލާއި، އިސް ސަފުގެ މަސައްކަތްތެރީން އެކަމަކަށް އެހީތެރިވެދެއެވެ.
ސިނާންގެ ވާހައިން ސިފަވަނީ މުރައިދޫގެ ރައްޔިތުންގެ މެދުގައި އޮތް އަޚުވަންތަކަމުގެ ލޯތްބާއި، ކުލުނެވެ. އެކަކު އަނެކަކަށް އަޅާލުމުގެ މަތިވެރި ސިފައެވެ. މި ހާލަތުން އަރައިގަތުމަށް އެންމެން ހިތްވަރާއެކު ކަމަރު ބަނދެގެން ތިބިތިބުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!