ކުއްލިނުރައްކަލުގެ ހާލަތު ހިންގުމުގެ ބާރުގެ ބޭނުން ނުހިފައިއޮތުމަކީ، ބޮންގޮއްވުމުގެ އަޑީގައިތިބި މީހުންނަށް ލިބުނު ފުރުސަތެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ވައްޑޭ ވިދާޅުވީ، ސަލާމަތީބާރުތަކަށް ފާހަގަކުރެވިފައިވާކަމަށް ބުނާ، މީހުން މެރުމަށް ފަސްނުޖެހޭ ހަރުކަށިފަރާތްތަކުން އެމީހުންގެ ކަންކަން ފޮރުވުމަށް ވަގުތު ދެވިގެން ނުވާނެ ކަމަށެވެ.

Ad
rt

އެ މީހުންނަށް އެ ފުރުސަތު ލިބުނަ ނުދިނުމަށް ކުއްލިނުރައްކާ ހިންގުމުގެ ބާރުގެ ބޭނުން ނުހިފައިއޮތުމަކީ، ބޮންގޮއްވުމުގެ އަޑީގައިތިބި މީހުންނަށް ލިބުނު ފުރުސަތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ.

މިހާދިސާގެ ތަހުގީގު ލަސްކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ގިނަ އެކްޓިވިސްޓުންނާއި އަދި ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފަޔާއި އެއްގޮތަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ، ލ. ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ.