ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު، ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފަޔާއި އެއްގޮތަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ.

Ad
rt

މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން ގެންދަވާ ކަމަށާއި، މިހަމަލާއާއިގުޅޭ ކުޑަ މައުލޫމާތެއްވިޔަސް، ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާނަމަ ފުލުހުންނާއި ސީދާ ހިއްސާކޮށްދެއްވުމަށް ސީޕީ ވަނީ އިލްތިމާސްކުރަށްވާފަ އެވެ.

"‏މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދެން. ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަން." ސީޕީ ވިދާޅުވެފަ ވެއެވެ.

ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ، ލ. ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ.

މީގެތެރެއިން އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.