ކޯވިޑް-19ގެ “އިންޑިއަން ވޭރިއަންޓް”އާ ގުޅޭގޮތުން ޕޯސްޓްކޮށްފައިވާ ކޮންޓެންޓުތައް ސޯޯޝަލް މީޑީޔާއިން ނެގުމަށް އެދި އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ސޯޝަލް މީޑިއާ ކުންފުނިތަކުގައި އެދިއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރުދުވަހު ފޮނުވާފައިވާ މި ސިޓީ އެ އޭޖެންސީ އަށް ވަނީ ލިބިފައިއެވެ.
އިންޑިއާ އިން މިގޮތަށް އެދިފައިވަނީ އެ ގައުމުން ފެނުނު މި ވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭ ކިޔާތީ އެގައުމުގެ ނަން ކިލަނބުވާތީއެވެ. އެ ގައުމުގެސަރުކާރުންވެސް ވަނީ އެ ނަން އާ ވޭރިއަންޓަށް ނުކިޔުމަށާއި އެއީ އެއްވެސް އަސާސެއް ނެތި ދީފައިވާ ނަމެއް ކަމަަށް ބުނެފައެވެ.
ރޮއިޓާޒް އިން ބުނެފައިވާގޮތުގައި އިންޑިއާއިން ފޮނުވި ސިޓީގައި ވަނީ ބީ.617.1 އަކީ އިންޑިއަން ވޭރިއަންޓް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމާފައިނުވާތީއެއާ ގުޅޭ ހުރިހާ ކޮންޓެންޓުތައް ނެގުމަށް އެދިފައެވެ.
ނަމަވެސް ދުނިޔޭގެ ސިއްހައްތު ޖަމިއްޔާއިން މެއި މަހުގެ 11 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ބީ617.1 ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ އިންޑިއާއިންކަންވަނީ ކަށަވަރުވެފައެވެ. އަދި އެއީ މުޅި ދުނިޔެއަށްވެސް އޮތް ނުރައްކަލެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ ވޭރިއަންޓަށް “އިންޑިއަން ވޭރިއަންޓް” އޭބުނެވިދާނެއެވެ.
ސޯޯޝަލް މީޑިއާ ކުންފުންޏަކުން ރޮއިޓާޒްއަށް މައުލޫމާތު ދީފައިވާގޮތުގައި އިންޑިއާ ސަރުކާރުގެ އެދުމާއެއްގޮތަށް އެފަދަ ކޮންޓެންޓު ނެގުމަކީ އުނދަގޫ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!