ގާތްގަޑަކަށް 2 ހަފްތާއަށް ދެމިގެން ދިޔަ ރޮކެޓް އަދި ޑްރޯން ހަމަލާތަށް ހުއްޓާލާނެކަމަށް އިޒްރޭލުން އެއްބަސްވިތާ 24 ގަޑިއިރު ނުވަނީސް އަޤްސާ މިސްކިތަށް ވަދެ އެތާ ތެރޭ ތިބި މުސްލިމުންނަށް ހައްދުފަހަނައެޅި އިޒްރޭލު ސިފައިން ހަމަލާދީފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނިރުބަވެރި އިޒްރޭލު ސަރުކާރުން ޣައްޒާއަށް ހަމަލާތަށް ބަދަލުކުރުން ހުއްޓާލާނެކަމަށް ނިންމުމާއިއެކު މުޅި ފަލަސްތީނަށާއި އިސްލާމީ އުއްމަތަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އަދި ދުނިޔޭގެ އެތަން މިތަނުން އަދި ޙާއްސަކޮށް ފަލަސްތީނުގެ ޣައްޒާއާއި ޤުދުސްގައި މުސްލިމުން މަގުތަކަށް ނުކުމެ އުފާފާޅުކުރަމުން ދިޔައެވެ.
އެގޮތުން ހުކުރުދުވަހުގެ ހުކުރު ނަމާދަށް އެތައްހާސް ބަޔަކު މަސްޖިދުލް އަޤްސާގައި އަޅުކަމުގައި ވަނިކޮށް އިޒްރޭލު ސިފައިން ވަނީ މިސްކިތުގެ ތެރެއަށް ވަދެ ބަޑިޖަހައި ކަރުނަގޭސް އުކާފައެވެ. މި ހަމަލާތަކުގައި މަދުވެގެން 20 މީހުން ޒަހަމްވެފައިވެއެވެ.
ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި ނުކުމެ ވަނީ އިޒްރޭލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާއިތަކާއި މީގެ ކުރިން ދީފައި ނުވާ ފަދަ ޑްރޯން ހަމަލާތައް ދީފައެވެ.
މި ހަމަލާތަށް ހުއްޓާލުމަށް ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް އިއުލާން ކުރެވުނު އިރު 243 އަށް ވުރެ ގިނަ ފަލަސްތީނީން ޝަހީދުވެ އަދި 12 އިޒްރޭލު ރައްޔިތުން ވަނީ މަރުވެފައެވެ.
ހަމާސް ޖަމާއަތުން ރެކޯޑް އަދަދަކަށް ރޮކެޓް އަދި މުޅިން އަލަށް ޑްރޯން ހަމަލާތަށް އިޒްރޭލަށް ދީފައިވާއިރު އިޒްރޭލުންވެސް ވަނީ ޣައްޒާގެ އެތައް އިމާރާތެއް ބިމާ ހަމަކޮށްފައެވެ.
މި ހަމަލާތަކުގައި ޣައްޒާގެ އެތައް ބަޔަކު ޝަހީދުވި ކަމުގައި ވިޔަސް އިޒްރޭލުން އަމާންދޭން ނިންމުމުން ފަލަސްތީނީންނަށް މިއީ ބޮޑު ކާމިޔާބެކެވެ. މި ހަމަލާތަކަށްފަހު މުޅި ފަލަސްތީން އޮތީ އެއްބައިވެފައެވެ. އަދި މުޅި ދުނިޔެ އޮތީ ފަލަސްތީނީންނާއި އެކުކަން މި ވަނީ ސާބިތުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!