ރާއްޖޭގެ ވެރިކަންކުރާ މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުންކުރަން އުޅޭވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.
ހާލަތު ގޯސްވުމުގެ ސަބަބަބުން މި ހަފުތާގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށް އެއަޑު ގަދަވެފައިވައިވަނިކޮން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
މިމޭރުމުން މަބްރޫކް ޓުވީޓު ކުރެއްވި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މީގެ ކުރިން ވެސްވަނީ މާލެ ސަރަހައްދު ލޮކްޑައުންކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް ރައްޔިތުން ގޭގައި ބަންދުކުރުމުގެ ބަދަލުގައި ސަރުކާރުން ނިންމީ ފިޔަވަޅުތައް ހަރުކަށިކުރާށެވެ.
އެގޮތުން ހަވީރު 4:00 ން ފަތިހު 4:00 އަށް ކާފިއުގެ ވަގުތު އިތުރުކޮށް ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދޭން ނިންމި އެވެ. އަދި ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށި އެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.
އިއްޔެވެސް 2000ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމަލް ޢަދަދު މިހާރުވަނީ ދޮޅުލައްކައަށް އަރާފައެވެ. އަދި ޕޮޒިޓިވްވެ ފަރުވާ ހޯދާމީހުންގެ ޖުމްލަ ޢަދަދުވަނީ 20،000 އަށްވުރެ އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!