ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޢީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުޙްމަތުތަކަށް އިންކާރުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާ ދީފި އެވެ.
އީސަ އިސްތިއުފާދެއްވިކަން އިޢުލާންކޮށްފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގަ އެވެ. މަޖިލީހުގެ ރަސްމީ ލެޓަރ ހެޑްގައި ނެރުއްވި މި ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ،
ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުންދިނުމަށްޓަކައި، މިއަދުން ފެށިގެން
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާދިން ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
"ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައިނުވާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ."
އީސަ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި އީސަ ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންނާމެދު އޭނާގެ އިތުބާރު އޮތް ވާހަކައާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދެއްވާނެކަމުގައެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މެންބަރު އީސައާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިވާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ބަޝީރު ވިދާޅުވީ އީސައާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!