އިންޑިއާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު އެ ގައުމުގައި ދިމާވެފައިވާ އޮކްސިޖަންގެ މައްސަލައަށް ހައްލު ހޯދުމަށް ޕާކިސްތާނުގެ އެހީ ހޯދަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެކޮޅު ހައްދަވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އިންޑިއާއަށް ދިމާވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމަށް އޮކްސިޖަން ފޮނުވަން ނިންމާފައެވެ. އެގޮތަށް ނިންމީ މިދިޔަ އޭޕްރިލް މަހުގެ 25ވަނަ ދުވަހުގައެވެ.

Ad
rt

ޕާކިސްތާނުގެ މި ނިންމުމާއެކު އިންޑިއާ ޕަންޖާބުގެ ޗީފް މިނިސްޓަރު ވަނީ އެ ސަރަހައްދަށް ޕާކިސްތާނުގެ އެހީ ހޯދައި ދިނުމަށް މޯދީގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އޭނާ މިހާތަނަށް އަށް ފަހަރު ސަރުކާރުގައި އެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. ޕަންޖާބުގެ އަމްރިތްސަރަކީ ޕާކިސްތާނާއި އެންމެ ކައިރީގައި އޮންނަ އެއް ސަރަހައްދެވެ.

ނަމަވެސް އޮކްސިޖަން ހޯދަން ޕާކިސްތާނުގެ އެހީ ހޯދަން މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީ، ބީޖޭޕީން ނޭދެއެވެ. އެ ޕާޓީން ބުނެފައިވާގޮތުގައި ކިތަންމެ ދަތި ހާލުގައިވެސް ދުޝްމަން ގައުމެއްގެ އެހީ ގަބޫލު ނުކުރާނެ ކަމަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އަމްރިތްސަރުގެ މެމްބަރު ގުރުޖީތު ސިންގ ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެހީ ގަބޫލު ނުކުރުމުގެ ސަބަބުން މޯދީގެ ސަރުކާރުން ޕަންޖާބުގެ އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ކަމަށެވެ.

އިންޑިއާގައި އޮކްސިޖަން މަދުވެ އެތައް ބަޔަކު އަންނަނީ މަރުވަމުންނެވެ. މިދިޔަ ހަފުތާގައި ޕަންޖާބުގެ އަމްރިޔތްސަރުގެ ބައެއް ހޮސްޕިޓަލުތަކުންވެސް ވަނީ އޮކްސިޖަން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް ބުނެފައެވެ.

އެ ގައުމުގައި މިވަގުތު 70،000އަށްވުރެ ގިނަ އެކްޓިވް ކޭސް ހުރިއިރު މީގެ ތެރެއިން 25 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ މީހުންނަށް ފަރުވާ ދޭން ޖެހިފައިވަނީ އޮކްސިޖަން ބޭނުންކޮށްގެންނެވެ.