މުޅި ދުނިޔެއިން އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ ވަރުގަދަ ފަނާކުރަނިވި ހަމަލާތަށް ހުއްޓާލުމަށް ގޮވަމުންދާއިރު އިޒްރޭލުން އަދިވެސްގެންދަނީ ހުއްޓުއްމެއްނެތި ޢައްޒާއަށް ބޮން އަޅާ ގެތަކާއި، އޮފީސް އިމާރާތްތައް ސުންނާފަތިކުރަމުންނެވެ.
ހުރިހާ ފަރާތަކުން ބަންދުކޮށް ތަޅުއެޅުވިފައިވާ ޢައްޒާގެ ހިމާޔަތުގައި އަދި ފަލަސްތީނުގެ މިނިވަންކަމުގެ އެންމެ ވަރުގަދަ އަޑު ކަމަށްވާ ހަމާސްއަށް ދޭ ހަމަލާތަށް ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިއީ ސީދާ ޢައްޒާގެ މަޢުސޫމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައްކަމައް މީޑިއާތަކުން ގެންދަނީ ބުނަމުންނެވެ.
ހަމާސް ޖަމާޢަތުގެ އިމާރާތެއް ކަމަށް ބުނެ އިޒްރޭލުން އަލްޖަޒީރާ އަދި އެހެނިހެން މީޑިއާ އޮފީސް ހިމެނޭ އިމާރާތަކަށް ވައިގެ ހަމަލާދީ ބިމާ ހަމަކޮށްލިތާ 1 ދުވަސް ވެފައިވާއިރު އަދިވެސް އެއީ ހަމާސް ޖަމާއަތާއި ގުޅުން އޮތް ތަނެއްކަން އިޒްރޭލަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

މި ވަރުގަދަ ހަމަލާތަކަށް ހަފްތާއެއް ވެފައިވާއިރު މިހާތަނަށް 214 އަށްވުރެ ގިނަ ފަލަސްތީނީން ވަނީ ޝަހީދުވެއެވެ. މީގެ ތެރޭގައި 61 ކުޑަކުދިން ހިމެނޭއިރު 1500 އަށްވުރެ ގިނަ މީހުން ވަނީ ޢައްޒާތެރެއަށް ދިން ހަމަލާތަކުގައި ޒަހަމްވެފެއެވެ.
ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން ޝައިޚް ޖައްރާހް ކިޔާ އަވަށެއްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެސަރަހައްދުން ނެރުމަށް މަސައްކަތް ފެށި ހިސާބުންނެވެ.
ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި ނުކުމެ ވަނީ އިޒްރޭލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާއިތަކާއި މީގެ ކުރިން ދީފައި ނުވާ ފަދަ ޑްރޯން ހަމަލާތައް ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!