ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފަލްސްޠީންގެ ދިދަ ހިމަނުއްވާ މިއަދު ކުރި ޓުވީޓެއްގަ އެވެ.

Ad
rt

މިޓުވީޓުގައި ރައީސް ވަނީ ފަލަސްޠީން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ދިވެހި ރައްޔިތުން ތިބޭނީ ފަލަސްޠީން ރައްޔިތުންނާއި އެކުކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ގިނަ ރައްޔިތުން އަންނަނީ ހައްދުފަހަނަ އެޅި އިޒުރޭލުން ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް އަޑުއުފުލަމުންނެވެ. އަދި މިކަމާއި ދެކޮޅަށް ކައުންސިލްތަކުންވެސް އަންނަނީ ކުއްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. އަދި މިކަމަށް ދިވެހި ރައްޔިތުންގެ ފަރާތުން ނުރުހުން ފާޅުކޮށް އެކި ރަށްރަށުގައި އަންނީ އަޑު އުފުލަމުންނެވެ.

ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި ނުކުމެ ވަނީ އިޒްރޭލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާއިތަކާއި މީގެ ކުރިން ދީފައި ނުވާ ފަދަ ޑްރޯން ހަމަލާތައް ދޭން ފަށާފައެވެ.

މިހާތަނަށް 200 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ މި ހަމަލާތަކުގައި ޒަހަމްވެފައެވެ. ހަމަލާތައް ހުއްޓާލުމުކުގެ އެއްބަސްވުމަކަށް އަންނަން ބައިންއަޤްވާމީ ޖަމިއްޔާތަކުން މަސައްކަތްކުރާއިރު އަދި މިކަމަށް އަލި މަގެއް ފެންނާކަށް ނެތެވެ.