ޒަޔަނިސްޓް އިޒްރޭލްއިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނައެޅި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ.
އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުން ބިންފޭރިގަތުމަށް އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލުގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ރައްޔިތުންގެ ނަމުގައި ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.
އަދި، އިޒްރޭލްގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު، ކުށެއް ނެތް އާންމު ރައްޔިތުންނާއި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެންވަނި ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން، ގަޒާގެ އުމުރާނީ ވަސީލަތްތައް ފުޑުފުޑުކޮށްލާފައިވާއިރު، ގަޒާގެ އަސާސީ ބޭނުންތައް ފުއްދޭނެ ނިޒާމް ސުންނާފަތިކޮށްލައިފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.
އިޒްރޭލްގެ ޖަރީމާތައް ކުށްވެރިކޮށް، އެކަން ހުއްޓުވައިފައި ނުވާތީ ޑިމޮކްރަސީއާއި އިންސާނީ ހައްގަށް ވަކާލާތުކުރާ ހުޅަނގުގެ ގައުމުތަކާއި، އެމެރިކާއަށާއި، ޔޫރަޕިއަން ޔުނިއަންއާއި ކޮމަންވެލްތާއި އދ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އެބަޔާނުގައި ފާޑުކިޔަފައިވެއެވެ. އަދި، އިންސާނީ ހައްގަށާއި ހުޅަނގުގެ ޑިމޮކްރަސީއަށް ތާއީދުކުރާ ދިވެހިރާއްޖޭގެ ޖަމިއްޔާތައް އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ނުތެދުވުމާ ގުޅިގެން ސުވާލު އުފައްދާފައިވެއެވެ.
ނޫސްބަޔާން ނިންމާލައިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށާއި ޔަހޫދީންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުއާކުރަމުންނެވެ.
މިއަދު، އަލަށް އިންތިހާބުކުރެވުނު ކައުންސިލްގެ މަސައްކަތްފެށިގެންދިޔައިރު، މިއީ 4 ވަަނަ ދައުރުގެ އިހަވަންދޫ ކައުންސިލުން ނެރުނު ފުރަތަމަ ނޫސްބަޔާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!