ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ކެނދިކުޅުދޫ އޭ.ޓީ.އެމް އިން އެ ކާޑު ބޭނުންކޮށްގެން 20000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ގައި ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިމައްސަލަ އާއި ގުޅިގެން ވިދާޅުވީ މިމައްސަލަ މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1000 ރުފިޔާ ފެނިފައިވާކަމަށާއި އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުންވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވާއިރު އެދެމީހުން ދޫކޮށްލާފައިވަނީ ކޮންރަށެއްގެ ކޯޓަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ، އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި، މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17000 ރުފިޔާ ހޯދާފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓައި ކަމަށެވެ. އެ އޮޕަރޭޝަނުގައި މާފަރު ރައްޔިތުންގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.
އަދި އެ ދެ މީހުން ވަގަށް ނެގި 20000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18000 ރުފިޔާކަމަށާއި މިހާރު އފައިސާވަނީ ވެރިފަރާތާ ހަވާލުކޮށްފައިކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
މާފަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!