މިއަދު ހުވާކުރެއްވި ކައުންސިލަރުން، އެ ކައުންސިލެއް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލް އިދާރާތައް ހިންގަންވާނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ގެ ޚިޠާބުގައި ވަނީ މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު ކައުންސިލްތަކާ ޙަވާލުކުރެވިފައިވާކަން ފާހަގަ ކުރަށްވާފަ އެވެ.
ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު ވަނީ ކަނޑައަޅައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިޔަބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު." ރައީސް ޞާލިޙް ވިދާޅުވި އެވެ.
އުންމީދު ކުރަށްވަނީ ވަނީ ލާމަރުކަޒީ ނިޒާމަށް މި ގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެ ކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއްނެތި، ޤައުމީ ތަރައްޤީގެ ކަންކަމުގައި ޙަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު ވަނީ ހުރިހާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!