އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ ނަޕޯލީއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބުކުރިއިރު އޭސީ މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލީގުގެ ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިހާތަނަށް ގަދަ ހަތަރެއްގެ ޖާގަ އިންޓަ މިލާނާއި އެތުލާންޓާއަށް ކަށަވަރު ވެފައިވާއިރު، ފަހު ދެ ޖާގައަށް ވާދަކުރާ ނަޕޯލީ، މިލާން އަދި ޔުވެންޓަސްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

Ad
rt

މިވަގުތު ލީގުގެ ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ޗެމްޕިއަން އިންޓަ މިލާނަށް ލިބިފައިވަނީ 37 މެޗުން 88 ޕޮއިންޓެވެ. ދެވަނާގައި އެތުލާންޓާ 37 މެޗުން 78 ޕޮއިންޓް ހޯދައިގެން އޮތްއިރު 37 މެޗުން 76 ޕޮއިންޓް ހޯދައިގެން ތިންވަނާގައި ނަޕޯލީ އޮތްއިރު މިލާން ހަތަރުވަނާގައި އޮތީ ހަމަ 76 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި ޔުވެންޓަސް އޮތީ 37 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ ފަހު ދުވަހު މިލާން ނުކުންނާނީ ދެވަނާގައި އޮތް އެތުލާންޓާއާއި ދެކޮޅަށެވެ. ނަޕޯލީ ނުކުންނާނީ ވެރޯނާއާއި ދެކޮޅަށެވެ. ޔުވެންޓަސް ނުކުންނާނީ ބޮލޯނާއާއި ދެކޮޅަށެވެ. މިލާން އަދި ނަޕޯލީން އެ ޓީމް ކުޅޭ މެޗުތަށް ކާމިޔާބު ކޮށްފިނަމަ ގަދަހަތަރެއްގެ ޖާގަ އެ ދެ ޓީމަށް ލިބޭނެއެވެ. މިތަނުން އެއްވެސް މެޗެއް އެއްވަރުވެ، ޔުވެންޓަސް މޮޅުވެއްޖެނަމަ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ ފުރުޞަތު ޔުވެންޓަސްއަށް ލިބިގެންދާނެއެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ގަދަހަތަރެއްގެ ޖާގަތަށް ކަށަވަރު ވެގެންދާނީ އެ މެޗުތަކަށް ފަހުއެވެ.

އާދީއްތަ ދުވަހުގެ ރޭ ފިއޮރެންޓީނާގެ ދަނޑުގައި ނަޕޯލީ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވެއެވެ. މި މެޗުގެ 56 ވަނަ މިނެޓުގައި ލަނޑުޖަހައި ނަޕޯލީއަށް ލީޑު ނަގައިދީފައި ވަނީ އެ ޓީމްގެ ފޯވާޑް ލޮރެންޒޯ އިންސީނޭއެވެ. މެޗުގައި ނަޕޯލީން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ޑިފެންޑަރ ލޮރެންޒޯ ވެނޫޓީގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އޭސީ މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅެފައިވަނީ މިލާނުންނެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުޞަތު މި މެޗުގައި ލިބިގެން ގޮސްފައި ވެއެވެ. ގޮތުންބަލާއިރު ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމަށް އެންމެ ރަނގަޅު ފުރުޞަތު ހޯދާފައިވަނީ މިލާނުންނެވެ. އޭރިއާ ބޭރުން އެ ޓީމުގެ އެލެކްސިސް ސައެލެމައެކާސް ފޮނުވާލި ނުރައްކާތެރި ހަމަލާ ކަލިއާރީގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ކަލިއާރީގެ ކަލިއާރީގެ ލެއޮނާޑޯ ޕަވޮލެޓީ ބޮލުން ނުރައްކާތެރި ހަމަލާ މިލާންގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ ފަހުބައިގައި މިލާނުން ވަނީ ލަނޑެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ފުރުޞަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ހިފިފައި ނުވެއެވެ.