ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ލީގު ހޯދުމުގެ އުންމީދު ދެމެހެއްޓިއިރު، މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑުން އޮސަސޫނާ ބަލިކޮށް ތިން ޕޮއިންޓް ހޯދައި މި އަހަރުގެ ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ.
ލީގުގައި ކޮންމެ ޓީމަކަށް އެއްމެޗު ބާކީ އޮތްއިރު، އަންނަ އާދީއްތަ ދުވަހުގެ ރޭ ފަހު މެޗުގައި އެތުލެޓިކޯ ނުކުންނާނީ މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް ރެއާލް ވަލަޑޮލީޑާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ލީގު ކާމިޔާބު ކުރުމުގެ ފުރިހަމަ ބާރު އެތުލެޓިކޯއަށް އޮތް ނަމަވެސް މިވަގުތު ދެވަނާގައި އޮތް ރެއާލް އާއި އެތުލެޓިކޯއާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް ނުކުންނާނީ ވިޔަރެއާލްއާއި ދެކޮޅަށެވެ. ރެއާލް މޮޅުވެ އެތުލެޓިކޯ ބަލިވެ ނުވަތަ އެއްވަރު ވެއްޖެނަމަ ލީގު ލިބޭނީ ރެއާލަށެވެ. ރެއާލް ބަލިވެއްޖެނަމަ އެތުލެޓިކޯ އެ މެޗުން ބަލިވި ނަމަވެސް ލީގު ލިބޭނީ އެތުލެޓިކޯއަށެވެ. އާދީއްތަ ދުވަހުގެ ރޭ ސެލްޓަވީގޯ އަތުން ބާސެލޯނާ ބަލިވުމާއިއެކު ބާސާއަށް ވަނީ ލީގު ހޯދުމުގެ ފުރުޞަތު މިހާރު ގެއްލިފައެވެ.
އެތުލެޓިކޯއާއި އޮސަސޫނާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާކުރި ހޯދާފައިވަނީ އޮސަސޫނާއިންނެވެ. މި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަންޓެ ބުޑިމީއޭއެވެ. ނަމަވެސް މެޗުގެ ފަހު ދިހަ މިނެޓްގެ ތެރޭގައި ދެ ލަނޑުޖަހައި އެތުލެޓިކޯއިން ވަނީ މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ރެނަން ލޮޑީ ކާމިޔާބު ކޮށްދީފައިވާއިރު، މެޗުން އެ ޓީމް މޮޅުވި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ސުއަރޭޒްއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންޑަރ ނަޗޯއެވެ.
ބާސެލޯނާއާއި ސެލްޓަވިގޯ ބައްދަލުކުރި މެޗުން ބާސާ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ލައިނަލް މެސީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެލްޓަވިގޯ އިން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސަންޓި މިނާއެވެ. މި މެޗުގައި 83 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ކެލެމެންޓް ލޯންލޭއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. ސެލްޓައިން މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދީފައިވަނީ ސަންޓި މިނާއެވެ. މި ނަތީޖާއާއިއެކު ބާސާއަށް ވަނީ ލީގު ހޯދުމުގެ ފުރުޞަތު ގެއްލިފައެވެ.
މިވަގުތު ލަލީގާގެ ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު އެއްވަނާގައި 37 މެޗުން 83 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ދެވަނާގައި 37 މެޗުން 81 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތްއިރު ބާސެލޯނާއަށް ލިބިފައިވަނީ 37 މެޗުން 76 ޕޮއިންޓެވެ. އެ ޓީމް މިވަގުތު އޮތީ ތާވަލުގެ ތިންވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!