ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައޮތް އޮތުން އިތުރު 14 ދުވަހަށް ދަންމާލައިފިއެވެ.

ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ފިޔަވައި، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށް އަންގައި މެއި 2 ވަނަ ދުވަހު، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމެއްގަ ވަނީ އަންގާފަ އެވެ. މިރޭ ވަނީ އެ އެންގުމުގެ މުއްދަތު އިތުރު 2 ހަފުތާއަށް އިތުރުކޮށްފަ އެވެ.

Ad
rt

މާލެ ސަރަހައްދުގައި މިހާރު ވެސް އޮތީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ ޑައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ރާއްޖެއިން އިތުރު 1007 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެފަވުމާއެކު، މިހާތަނަށް ރާއްޖެއިން 43،782 މީހަކު މިބަށްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާތަށަށް ނިޔާވީ 93 މީހެކެވެ.