އިންޑިއާގައި ކޯވިޑް-19 ޖެހިގެން ރަނގަޅުވި ބައެއް މީހުން ގައިން ފެނުނު ފަންގަސް ޕާކިސްތާނުންވެސް ފެނިއްޖެއެވެ.
މިއީ މި ފަންގަސް އިންޑިއާ ނޫން ގައުމަކުން ފެނުނު ފުރަތަމަ ފަހަރެވެ. މި ފަންގަސް ފެންނީ ޑައިބެޓިކްސް މީހުންގެ ގައިންނެވެ.
"ބްލެކް ފަންގަސް"ގެ ނަން ދީފައިވާ މި ފަންގަސްގެ ސަބަބުން އިންސާނާގެ ލޮލާއި މެޔާއި އެނޫންވެސް މުހިންމު ގުނަވަންތައް ހަލާކުކޮށްލައެވެ. މީގެ ސަބަބުން އިންޑިއާގެ އަންހެނެއްގެ ލޯ ވެސް ނަގާލަން ޖެހުނެވެ.
ޕާކިސްތާނުން ބުނެފައިވާގޮތުގައި އެ ގައުމުން މިހާތަނަށް މި ފަންގަސް ހުރިކަމަށް ބެލެވޭ ފަސް މީހަކު ވަނީ ފެނިފައެވެ. އަދި އެ ފަންގަސް ފެނިފައިވަނީ ކޯވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަ ބައެއްގެ ގައިން ކަމަށް ވެސް އެ ގައުމުން ްވަނީ ބުނެފައެވެ.
އެ ގައުމުގައި މި ފަންގަސް ފެނުނު މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ މަރުވެފައެވެ. އަދި ވެސް އިތުރު ކޭސްތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ޕާކިސްތާނުގެ ހޮސްޕިޓާތަކުން ބުނެއެވެ.
މި ފަންގަސްއަކީ މަދުންނަމަވެސް ކުރިންވެސް ފެންނަ ފަންގަސް އެކެވެ. ނަމަވެސް މިހާރު ފަންގަސް ބާރުގަދަވަނީ ކޯވިޑްގެ ސަބަބުންނެވެ. އެގޮތުން ކޯވިޑުން ރަނގަޅުކުރަން ދޭ ސްޓެރޮއިޑްސްގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމު ދެރަކޮށްލައެވެ. މީގެ ސަބަބުން ފަންގަސްގެ ބާރުގަދަވެ ސިކުނޑިއާއި ފުއްޕާމޭގައި ފެތުރެން ފަށައެވެ. ޑައިބެޓިކް މީހުންނަކީ ކުރިންވެސް ދިފާއީ ޒިނާމު ދެރަ ބަޔަކަށްވުމުން އެފަދަ މީހުންނަށް އޮތް ނުރައްކާ ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!