އަމިއްލައަށް އޭގެ އަމާޒަށް ބާރު ސްޕީޑުގައި ވެއްޓިގަނެގެން ޙަމަލާދޭ ސުއިސައިޑަލް ޑްރޯންތަކެއް ޣައްޒާއިން އިޒްރޭލަށް ފޮނުވާލާފައި ވާކަމަށް އިޒްރޭލުން ބުނެފިއެވެ.

މިހަމަލާތަކާއި ގުޅިގެން އިޒްރޭލުންވަނީ ބައެއް ސަރަޙައްދުތަކުގައި އެންމެން ބިންގަރާސްތަކުގައި ތިބުމަށް އަންގާފައެވެ.

Ad
rt

މިއީ މީގެ ކުރިން ޙަމާސްއަށް ލިބިފައިވާ ޓެކްނޮލޮޖީއެއް ނޫނެވެ. އެހެންކަމުން އިޒްރޭލުގެ ޢުދުވާން އިތުރަށް ކުރިއަށް ދާނަމަ، ރައްދުގައި މިފަދަ ގިނަ ޙަމަލާތައް ޣައްޒާގެ މުޖާހިދުން ދޭނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން އިޒްރޭލުގެ ރާމޮން އެއަރޕޯޓަށް އަމާޒުކޮށް ދިގު ރާސްތާ މިސައިލް ޙަމަލާއެއް ދީފައި ވާކަމަށް ޙަމާސްއިން ވަނީ ބުނެފައެވެ. މި ޙަމަލާ އިޒްރޭލުގެ ވައިގެ ދިފާޢީ ނިޒާމަށް ހުއްޓުވުނުކަމެއް އަދި ނޭނގެއެވެ.

އިޒްރޭލުގެ ޢުދުވާނުގައި ޙަމަލާދީ ޝަހީދުކޮށްލާފައި މުސްލިމުންގެ ޢަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ. އަދި ހުއްޓުމެއް ނެތި ދަނީ ޣައްޒާގެ އެތަން މިތަނަށް ބޮންއަޅަމުންނެވެ.

އިޒްރޭލުގެ ސިފައިން މާތްވެގެންވާ އަލް މަސްޖިދުލް އަޤްޞާއަށާއި ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ރައްދުގައި ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސް އަދި އިސްލާމިކް ޖިހާދުން ދަނީ އިޒްރޭލުގެ އެކި ހިސާބުތަކަށް ރޮކެޓް ޙަމަލާތައް ދެމުންނެވެ. އިޒްރޭލުގެ މިސައިލުން ދިފާޢުވާ 'އަޔަން ޑޯމް' ނިޒާމަށް ހުއްޓުވޭވަރަށްވުރެ އަވަސް އަދި ގިނަ ޙަމަލާތަކެއް ދަނީ ދެމުންނެވެ.

ނަތީޖާއެއްގެ ގޮތުން ބައެއް ތަންތަނަށް ޙަމަލާތައް އަރައި، އިޒްރޭލުގެ ސިފައިން މަރުވެ، މާއްދީ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި ފަލަސްޠީނުގެ ތުއްތު ދަރިން ނިދިން މަޙްރޫމްކޮށް، އެތަން މިތަނަށް ބޮންއަޅަމުންދާހައި ހިނދަކު އިޒްރޭލުގެ ރައްޔިތުންވެސް ނިދިޔަ ނުދޭނެކަމުގައި ވަނީ ބުނެފައެވެ.

މިހަމަލާތަކުގެ ވަރުގަދަކަމާއި ލިބުނު ސިހުމެއްގެ ސަބަބުން އިޒްރޭލުގެ ދެކުނުގެ ހުރިހައި ސްކޫލުތައް ވަނީ ބަންދުކޮށް، ރައްޔިތުން ބިންގަރާސްތަކަށް ވަދެ ތިބެން ވަނީ މަޖުބޫރުކޮށްފައެވެ.