ތަފާތު ތިން ޤައުމެއްގެ ތަފާތު ތިން ކުލަބަށް 100 ލަނޑު ޖެހި ފުރަތަނަ ކުޅުންތެރިއާގެ މަޤާމް ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
ދުނިޔެދުއް އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯއަކީ އާދަޔާ ކިލާފަށް ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މިގޮތުން ޔޫރަޕްގެ އެންމެ މަތީފަންތީގެ ތިން ޤައުމެއްގެ ތިން ކުލަބަކަށް ރޮނާލްޑޯ ވަނީ ކުޅެފައެވެ. އެ ކުލަބް ތަކަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި، ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން މިހާރު އޭނާ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސްއެވެ.
މި ތިން ޓީމަށް ވެސް ރޮނާލްޑޯ ވަނީ 100 އަށް ވުރެ ގިން ލަނޑު ޖަހާފައެވެ. އަދި މީގެ އިތުރުން އޭނާގެ ޤައުމުކަމުގައިވާ ޕޯޗުގަލް ޤައުމީ ޓީމަށް ވެސް އޭނާ ވަނީ ސަތޭކަލަނޑަށް ވުރެ އިތުރަށް ލަނޑު ޖަހާފައެވެ.
2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެ މިހާރު ޔުވެންޓަސްއަށް ކުޅެމުން އަންނަ ރޮނާލްޑޯ އެ ޓީމަށް 100 ވަނަ ލަނޑު ޖަހާފައިވަނީ މި ހަފްތާގެ ބުދަދުވަހުގެ ރޭ އިޓާލިއަން ސީރިއާގައި ސަސުއޯލޯއަތުން 3-1 ގެ ނަތީޖާއިން ޔުވެންޓަސް މޮޅުވި މެޗުގައެވެ. ރޮނާލްޑޯ މި އަދަދަށް ލަނޑު ޖަހާފައި މިވަނީ އެ ޓީމަށް ކުޅެދިން 131 މެޗުންނެވެ.
މިއީ ރޮނާލްޑޯ ޔުވެންޓަސްގައި ހޭދަކުރާ ތިންވަނަ ސީޒަނެވެ. ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔުވެންޓަސްއަށް އެންމެ ކުރު މުއްދަތެއްގައި 100 ލަނޑު ހަމަކުރި ކުޅުންތެރިއާއަށެވެ. ކުރީގެ އިޓަލީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އޮމަރް ސިވޯރީ އަދި ރޮބާޓޯ ބާޖިއޯ ޔުވެންޓަސްއަށް 100 ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހަތަރު ސީޒަނުނެވެ.
ރޮނާލްޑޯގެ ކެރިއާގައި މިހާތަނަށް 770 ލަނޑު ވަނީ ޖަހާފައެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑަށް 118 ލަނޑު، ރެއާލް މެޑްރިޑަށް 450 ލަނޑު، ޔުވެންޓަސްއަށް 100 ލަނޑުގެ އިތުރުން ޕޯޗުގަލްގެ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވާ 102 ލަނޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!