ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުޠުތައް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ޢާންމުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި އެ ކޮމިޝަނުން ޢައްޔަންކުރަންޖެހޭ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އަސާސީ ޝަރުޠުތައް އާންމުކޮށްފައިވަނީ އިއްޔެ އެވެ.

Ad
rt

މިޝަރުތުތައް އާންމުކޮށްފައިވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށުކައުންސިލްތަކަށް ވަކިންނެވެ. ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށްބަލާ 4 ސަރުތެއް ވަނީ ކަނޑައަޅާފަ އެވެ.

ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ އެންމެ ދަށް ތަޢުލީމީ ފެންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

ސިޓީ ކައުންސިލްގެ މަސައްކަތުގެ ތަޖުރިބާގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެގައި މަދުވެގެން 6 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުމެވެ.

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ އެންމެ ދަށް މަސައްކަތުގެ ތަޖުރިބާގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެގައި މަދުވެގެން 4 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުމެވެ.

ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ އެންމެ ދަށް މަސައްކަތުގެ ތަޖުރިބާގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުމެވެ.

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފު ކަމުގައި ކަނޑައަޅާފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މުސާރައާއި އިނާޔަތްތައް ކަނޑައަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ.

އެގޮތުން ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ އަސާސީ މުސާރައަކީ 20،500 ރުފިޔާ އެގްޒެކެޓިވް އެލަވަންސް ގެ ގޮތުގައި 15،000 ރުފިޔާ، ޖުމްލަ 35,500 ރުފިޔާ އެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ އަސާސީ މުސާރައަކީ 12،130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސް ގެ ގޮތުގައި 8،870 ރުފިޔާ، ޖުމްލަ 21,000 ރުފިޔާ އެވެ. ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ އަސާސީ މުސާރައަކީ 9،300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސް ގެ ގޮތުގައި 6،800.00 ރުފިޔާ، ޖުމްލަ 16,100 ރުފިޔާ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު ކައުންސިލްތަކަށްވަނީ ބޮޑެތި ބާރުތަކެއް ލިބިފައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ކަނޑައެޅީ މިއިސްލާހުތަކުގެ ތެރެއިންނެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޮތީ ހުސްވި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް މި މަހުގެ 17 ވަނަ ދުވަހު އެވެ.

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުތުތައް