އިޓާލިއަން ސީރިއާ އޭގައި ބުދަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށް ގަދަހަތަރެއްގެ އުންމީދު އައުކޮށްފިއެވެ. ސަސުއޯލޯގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބަލިވި ނަމަވެސް މުޅި މެޗުގައި ވެސް ސަސުއޯލޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލީޑުނަގަން އެންމެ ރަނގަޅު ފުރުޞަތެއް ވެސް ލިބިފައިވަނީ އެ ޓީމަށެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެ ޓީމްގެ ޑޮމެނިކޯ ބެރާޑީ ފޮނުވާލު ޕެނަލްޓީ މި މެޗުގައި ޔުވެންޓަސްގެ ގޯލު ބެލެހެއްޓި އުމުރުން 43 އަހަރުގެ ބުފަންވަނީ ދިފާއު ކޮށްފައެވެ.

Ad
rt

މި މެޗުގައު ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ޔުވެންޓަސްއިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑްރިއަން ރެބިއުޓެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑު 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކުރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ޔުވެންޓަސްއަށް ރޮނާލްޑޯ ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ.

މި މެޗުގައި ސަސުއޯލޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ރަސްޕަޑޯރީއެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ޑިބާލާ ކާމިޔާބު ކޮށްދިންއިރު، މިއީ ޔުވެންޓަސްގެ ޖޯޒީގައި އޭނާވެސް ކާމިޔާބު ކުރި 100 ވަނަ ލަނޑެވެ.

އިޓާލިއަން ސީރިއާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު އޭސީ މިލާން ވަނީ ރަށުން ބޭރުގައި ޓޮރީނޯއަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޗެމްޕިއަން އިންޓަ މިލާން ރޯމާއަތުން 3-1 ގެ ނަތީޖާއިން މޮޅުވެފައިވާއިރު، އެތުލާންޓާވަނީ 2-0 ގެ ނަތީޖާއިން ބެނެވެންޓޯގެ މައްޗަށް ކުރި ހޯދާފައެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. 36 މެޗުން 75 ޕޮއިންޓް ހޯދައިގެން ދެވަނާގައި އެތުލާންޓާ އޮތްއިރު ހަމަ އެ އަދަދަށް މެޗުކުޅެ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނާގައި އޮތީ މިލާނެވެ. ހަތަރު ވަނާގައި 36 މެޗުން 73 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު ފަސްވަނާގައި ޔުވެންޓަސް އޮތީ 36 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ.