އަނާރާ ނަޢީމުގެ ގަލަމުން: ރަމަޟާންމަހަށް ފަހު.....!

Eid Mubaarak

ރަމަޟާންމަހުގެ ރޯދަތައް ހިފާ ނިމުނީއެވެ. އެ ރޯދަތައް އެހާ ފަރުވާތެރިކަމާއެކު އެންމެހާ މުސްލިމުން ހިފީ ސަބަބުތަކަކާއި ލައިގެންނެވެ. މާތް ﷲ އަށް ކިޔަމަންތެރިވެ ރޯދަ ފަރުޟުކުރެއްވި މަޤުޞަދުކަމުގައިވާ ތަޤުވާވެރިވުން ޙާޞިލްކުރުން އެދިއެވެ. ދަރުމައާއި ޘާވާބުލިބުން އެދިއެވެ. ސުވަރުގެ ލިބުންއެދިއެވެ.

ރޯދައިގެ އިތުރުން ޤުރުއާން ޚަތިމުކުރުމަށް ކިޔަވައި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކޮށް، ޞަދަގާތްދީ، ގާތްތިމާގެކަމުގެ ގުޅުން ބަދަހިކޮށް، އަވައްޓެރިންނަށް ހެޔޮފޯރުކޮށްދީ، ދީނީ ދަރުސްތައް އަޑުއަހައި، ހެޔޮ ކަންކަމުގައި މަޝްޣޫލުވީވެސް ހަމަ ތަޤުވާވެރިވުމަށްޓަކައެވެ. އެހެންނޫންތޯއެވެ.

ކަންމިހެން އޮތް ނަމަވެސް ރޯދަމަސްނިމުމުން ބައެއްފަހަރަށް ރޯދަމަހު ކުރިހާ ހެޔޮކަންކަމުގެ މަތިން ހަނދާންނެތި ފަރުވާކުޑަކޮށް ހުއްޓާލެވޭގޮތްވަނީ ކީއްވެތޯއެވެ.

ޝައްކެއްނެތެވެ. ހެޔޮކަންކަން ކުރުންމަތީ ދެމިހުރެވެނީ އަމިއްލަ ނަފްސާ ޖިހާދުކޮށްގެންނެވެ. ކޮންމެ މީހެއްގެވެސް ހަވާ ނަފްސު އަދި ޝައިޠާނާ އަބަދުވެސް ގޮވާނީ އިންސާނާއަށް ގެއްލުންހުރި ކަންކަމަށެވެ. ތެދުމަގުން އެއްކިބާވުމަށެވެ. ހެޔޮކަންކުރުމަކީ ބުރައެއްކަމަށް ސިފަކޮށްދޭނެއެވެ. ތަފާތު ޝައްކުތަކާއި ވަސްވާސްތައް އުފައްދާ ގެއްލުންހުރި ކަންކަމުގައި މަޝްޣޫލުކުރުވައި، އަގުހުރި ވަގުތުތައް ބޭކާރުކޮށްލަން މަސައްކަތް ކުރާނެއެވެ. ވަގުތުތައް ނަގާނުލާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށް ހެޔޮ ޢަމަލުކުރުންމަތީ ދެމިހުންނާނީ ބުއްދިވެރީންނެވެ.

ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ވިސްނާމީހުންނެވެ. އެމީހުން އަޅުކަންކޮށް ތަޤުވާވެރިވާނީ ހަމައެކަނި ރޯދަމަހު އެކަންޏެއް ނޫނެވެ. އެގޮތުން އަހަރުގެ އެހެނިހެން މަސްމަހުގައިވެސް އަޅުކަންކުރުންމަތީ ދެމިހުންނާނެއެވެ. އެހެނިހެން މަސްތަކުގައި ރޯދަހިފުންވެސް އެއްކޮށް ހުއްޓައެއް ނުލާނެއެވެ. ކުޅަދާނަވި މިންވަރަކުން ސުންނަތްރޯދަ ހިފާނެއެވެ. ސުވަރުގޭގައި ރޯދަވެރިން ވަނުމަށް "އައްރައްޔާނު" ކިޔާ ދޮރުކޮޅެއްވާކަން ހަނދާންކުރާ ޙާލުގައެވެ.

ހަމައެގޮތަށް ޤުރުއާން ޚަތިމުކުރުމަށް އަބަދުމެ އޮންނާނީ ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހަކުމެ ޤުރުއާނުން މިންވަރެއް ކިޔެވުން އޮންނާނީ ޝެޑިއުލްގައި ހިމެނިފައެވެ. ޤުރުއާން ކިޔަވައިގެން ލިބޭ ޢިލްމާއި ހިތްހަމަޖެހުންވެސް އޭނާއަށް ލިބެމުންދާނެއެވެ. ހަމައެފަދައިން އަނެކުންނަށް އެހީވެ ހެޔޮކޮށްހިތުމުގައިވެސް ދެމިހުންނާނެއެވެ.

ދުނިޔެއާއި އާޚުރަތުގެ ބާއްޖަވެރިކަމަށް އެދޭމީހާ ތެދުމަގުގައި ޘާބިތުވެ ހުރުމަށް އެންމެބޮޑު ދައުރެއް އަދާކުރަނީ ނުގުޑާފަދަ ވަރުގަދަ ޢަޒުމްކަން ކަށަވަރެވެ. އެ ޢަޒުމްގެ ސަބަބުން ހިތްވަރުލިބި ސާބިތުވަނީއެވެ. ރޯދައިގެ އަޅުކަންވެސް އެންމެބޮޑަށް ރޯދަވެރިޔާއަށް ދަސްކޮށްދެނީ؛ ކެތްތެރިކަމާއި ޢަޒުމްވަރުގަދަކަމެވެ.

ރޯދަމަހުކުރި ހެޔޮ ޢަމަލުތައް ހުއްޓާނުލާ ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަށް ސަމާލުކަން ދޭންޖެހެއެވެ.

ޙަދީޘް ބަސްފުޅެއްގައިވެއެވެ. " ...أَحَبَّ الْأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ " صحيح البخاري

މާނައީ: މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލަކީ މަދުން ކުރިނަމަވެސް އެ ޢަމަލެއް ކުމުންމަތީ ދެމިހުންނަ ޢަމަލެވެ.

މިސާލަކަށް ރޭ އަޅުކަމުގެ ގޮތުން 2 ރަކުޢަތް ކުރާ މީހާ އެކަން ހުއްޓާނުލާ ކުރުމެވެ. އަދި ހެޔޮކަމުގެ ގޮތުން ކުރާ ކަންކަން ހުއްޓާނުލާ ކުރަމުން ދިއުމެވެ.

ޢަމަލުތަކުގަ އެންމެ މުހިއްމުވަނީ އެންމެފަހުންކުރާ ޢަމަލުތައް ކަމުގަވާއިރު، އެންމެ ފަހުނޭވާއާހަމައަށް ތެދުމަގުގަ ސާބިތުވެ ހުރުމަށް ޢަޒުމާއެކު މަސައްކަތްކުރަންޖެހެއެވެ. ނޫންނަމަ ޙަދީޘްގައި އިންޒާރުގެ ބަސް އައިސްފައިވާ މީހުންފަދައިން ވެދާނެތީ ބިރުވެތިވާންޖެހެއެވެ.

އެބައިމީހުންނަކީ ދިގުމުއްދަތަކަށް ހެޔޮ ޢަމަލު ކުރުމަށްފަހު ނަރަކައިގެ އަހުލުވެރިންގެ ޢަމަލުތައް އެންމެފަހުން ކުރަމުންގޮސް އަބާއްޖަވެރިވެ ނަރަކައަށް ވަންނަމީހާއެވެ. މިފަދަ މީހުންކަމުގައި އަޅަމެން ނުލައްވާށިއެވެ. އަދި ރޯދަމަހަށްފަހުވެސް ހެޔޮ ޢަމަލުކުރާ ބަޔަކުކަމުގައި ޢަޅަމެންލައްވާށިއެވެ. ޢަޒުމާއި ހިތްވަރު ހުރިނަމަ ތެދުމަގުގައި ހަމަކޮންމެ މީހަކަށްމެ ޘާބިތުވެވޭނެއެވެ، أن شاء الله.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *