ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލަން ލިބުނު ފުރުޞަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ނުކުމެފައިވަނީ ސެވިއްޔާއާއި ދެކޮޅަށެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް ތަނަވަސް ވެފައި އޮތް ނަމަވެސް މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ކޮންމެ ޓީމަކަށް ލީގުގައި ބާކީ ތިން މެޗު އޮތްއިރު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 35 މެޗުން 77 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑެވެ. ދެވަނާގައި 35 މެޗުން 75 ޕޮއިންޓް ހޯދައިގެން ރެއާލް އޮތްއިރު ތިންވަނާގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ބާސެލޯނާއެވެ. ހަތަރު ވަނާގައި 35 މެޗުން 71 ޕޮއިންޓް ލިބިގެން އޮތީ ސެވިއްޔާއެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ފާނާންޑޯ ކާމިޔާބު ކޮށްދިން މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ސެވިއްޔާ ކުރީގައި އޮވެގެންނެވެ.

ރެއާލުން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައި އެސެންސިއޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އެސެންސިއޯ ކާމިޔާބު ކޮށްފައިވަނީ ކުރޫޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ސެވިއްޔާއަށް ލިބުނު ޕެނަލްޓީ، އެ ޓީމްގެ މިޑްފީލްޑަރ ރަކިޓިޗް ކާމިޔާބު ކޮށްދީ އެ ޓީމަށް ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގައިދީފައެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ރެއާލަށް ދޭން ރެފުރީ ނިންމީ ސެވިއްޔާއިން ނެގި ކޯނަރެއް ކުލިއަ ކޮށްލުމާއިއެކު ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ސެވިއްޔާގެ ކީޕަރ ރެއާލްގެ ފޯވާޑް ބެންޒެމާއަށް ފައުލް ކުރުމުންނެވެ. އެ ނިންމުން ބަދަލުކޮށް ސެވިއްޔާއަށް ޕެނަލްޓީއެއް ދީފައިވަނީ ވީއޭއާރް ބެލުމަށްފަހު އެ ކޯނަރު ކުލިއާ ކޮށްލަން މަސައްކަތް ކުރުމުގެ ތަރޭގައި ރެއާލްގެ އޭރިއާ ތެރެއިން ރެއާލުގެ އެޑާ މިލިޓާއޯގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ރެއާލުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި ހަ މިނެޓުގެ ތެރޭގައި ހަޒާޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ރެއާލުގެ ކަސެމީރޯއަށް ވަނީ ލަނޑުޖަހާ ޓީމް މޮޅުކޮށްދިނުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ނަމަވެސް ކަސެމީރޯ ފޮނުވާލު ހަމަލާ ގޮސްފައިވަނީ ސެވިއްޔާގެ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.