އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ އެސީ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބައްދަލުކުރި މެޗުން 3-0 ގެ ނަތީޖާއިން ޔުވެންޓަސް ބަލިވެ އެ ޓީމް ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ވެއްޓިއްޖެއެވެ.

އިޓާލިއަން ލީގުގެ މި ސީޒަންގެ ޗެމްޕިއަންކަން އިންޓަ މިލާނަށް މިހާރު ކަށަވަރުވެފައި ވީ ނަމަވެސް ލީގުގެ ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ ތިންމެޗު އޮތްއިރު މި ވަގުތު 35 މެޗުން ލިބުނު 72 ޕޮއިންޓާއިއެކު ތާވަލުގެ ދެ ވަނާގައި އޮތީ އެތުލާންޓާއެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން މިލާން ތިންވަނާގައި އޮތްއިރު، 35 މެޗުން ލިބުނު 70 ޕޮއިންޓާއިއެކު ހަތަރުވަނާގައި އޮތީ ނަޕޯލީއެވެ. ޔުވެންޓަސް މިވަގުތު އޮތީ ކުޅުނު 35 މެޗުން ލިބުނު 69 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ.

Ad
rt

ބާކީ އޮތް ތިން މެޗުގެ ތެރޭގައި ޔުވެންޓަސްއަށް ޗެމްޕިއަން އިންޓަ މިލާނާއި ބައްދަލުކުރަން ޖެހޭއިރު، ދެވަނާގައި އޮތް އެތުލާންޓާއަށް ލީގުގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ މިލާނާއި ދެކޮޅަށެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމްގެ ފަރާތުން ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. މި މެޗުގައި މިލާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގެ ތަރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ބްރަހަމް ޑިއާޒްއެވެ.

މި މެޗުގައި ލަނޑުޖަހާނެ މާތަނަވަސް ފުރުޞަތެއް ވެސް ޔުވެންޓަސްއަށް ހޯދިފައި ނުވެއެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޔުވެންޓަސްގެ ގޯލް އޭރިއާގެ ތެރެއިން އެ ޓީމްގެ ޑިފެންޑަރ ކިއެލީނީގެ އަތުގައި ބޯޅަޖެހުމާއި ގުޅިގެން މިލާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޕެނަލްޓީ ޔުވެންޓަސްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މި މެޗުގައި ޔުވެންޓަސްއަށް ލީޑު ފުޅާ ކޮށްދީފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައި ރެބިޗްއެވެ. ރެބިޗް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ޔުވެންޓަސްގެ އޭރިއާގެ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ތިން މިނެޓްފަހުން އެޓީމަށް ލަނޑުޖަހައި ލީޑު ފުޅާ ކޮށްދީފައިވަނީ ފިކަޔޯ ޓޮމޯރީއެވެ.