މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އުތުރުގެ ހަތަރު ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި ހަތަރު ރަށަކުން މަސްތުވާތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން މާލެއިން ފުރައިގެން ހދ. ނޭކުރެންދުއަށް ދަތުރުކުރި ބޯޓެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ.

Ad
rt

އޭނާ ހައްޔަރު ކުރީ މެއި މަހުގެ 7 ވަނަ ދުވަހު ނޭކުރެންދޫ ބަނދަރު މަތިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ނެވެ.

މި މަހުގެ 6 ވަނަ ދުވަހު ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ވެސް ވަނީ އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި މިލަންދޫން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިގެންނެވެ.

މީގެއިތުރުން ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ އެ އަތޮޅު ޅޮހީގައި އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަނަކީ ޅޮހީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ޅޮހީ ކުނިގޮނޑު ސަރަހައްދުން މި މެއި މަހުގެ 7 ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓު ފުލުހުން ހޯދިއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މި މެއި މަހުގެ 6 ވަނަ ދުވަހު ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ އެއަތޮޅު ކެނދިކުޅުދޫ ދޯންޏެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ހޯދާފަ އެވެ. މި މައްސަލައާ ގުޅިގެން ވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފަ ނުވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.