ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލި (ބްރީޗްވި) ގޮތުގެ ތަހްގީގެއްކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ނިންމައިފި އެވެ.

އެ ކޮމިޓީން ރޭ ބޭއްވި ސިއްރު ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ދެމުން ދަނިކޮށް، އެ ރައްކާތެރިކަން ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަން ނިންމާފައިވާ ކަަމަށެވެ.

Ad
rt

އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެރޭ މެންދަމު 12:55 ގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

އަދި މި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މި މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ވެސް ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެ އެ ކޮމިޓީން ބުނެފައިވެއެވެ.

ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ދުސްތޫރީ ޒިންމާއެއްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނަޝީދުގެ ކާރުކޮޅު ކައިރީ ބާރުގަދަ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ގިނަ ޒަހަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ގިނަ ސާޖަރީތަކެއް ހަދައިފަ އެވެ. އެކަމަށް ސޯޅަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ. ނަޝީދަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

އެ ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު މީހަކު ހޯދުމަށް ފުލުހުންގެ ވަނީ ފޮޓޯ އާންމުކޮށް، އާންމުންގެ އެހީ އަށް އެދިފައެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މަސްއޫލިއްޔަތު:

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ޤައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ޤައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ކުރުމެވެ. އަދި، މަތީގައި ބަޔާންކުރެވިފައިފާ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެ ލަފާދިނުންވެސް މި ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، އެ އިދާރާތަކުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، މަޖިލީހުގެ މެންބަރުންނާއި، ޢާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި، އަދި، ޤައުމަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅުންހުރި ކަންކަން ދިރާސާކޮށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް މި ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.