އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ ލެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި އެ ޓީމް ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެއްޖެއެވެ. މި މެޗުން ލެސްޓާ ބަލިވެފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.
ލެސްޓާ މިވަގުތު ޕޮއިންޓް ތާވަލުގެ ތިން ވަނާގައި އޮތްނަމަވެސް މި މެޗުން ބަލިވުމާއިއެކު އެ ޓީމަށް ވަނީ ހަތަރު ވަނައަށް ވެއްޓުމުގެ ބިރާއި ކުރިމަތިވެފައެވެ. ލެސްޓާ މިވަގުތު ތާވަލުގެ ތިންވަނާގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ހަތަރު ވަނާގައި ޗެލްސީ އޮތީ 34 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. އާދީއްތަ ދުވަހުގެ ރޭ ޗެލްސީ ނުކުންނާނީ މެންޗެސްޓާ ސިޓީއާއި ދެކޮޅަށެވެ. މި މެޗު ޗެލްސީއަށް ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމަށް ތިންވަނަ ލިބިގެން ދާނެއެވެ. މި މެޗުން މޮޅުވި ނިއުކާސްލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް 35 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ.
މި މެޗުގައި ނިއުކާސަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ކޮންމެ ހާފަކު ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖޯސެފް ވިލޮކް ކާމިޔާބު ކޮށްދީފައިވާއިރު، ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖާމިޔާބު ކޮށްދީފައިވަނީ ޕައުލް ޑަމެޓެވެ.
މެޗުގެ 64 ވަނަ މިނެޓާއި 73 ވަނަ މިނެޓުގައު ނިއުކާސަލްގެ ފޯވާޑް ވިލްސަން ވަނީ ދެ ލަނޑު ޖަހައި މެޗުގައި އެ ޓީމަށް ހަތަރު ލަނޑުގެ ލީޑެއް ނަގައި ދީފައެވެ. ނަމަވެސް މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ލެސްޓާއިން ވަނީ ދެ ލަނޑު ޖަހައު ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ލަނޑު 80 ވަނަ މިނެޓުގައި އޯލްބުރައިޓަން ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ އިނާޗޯއެވެ.
ލީގުގައި ލެސްޓާއަށް ބާކީ ތިންމެޗު އޮތްއިރު ދެން އެންމެ އަވަހަށް އެ ޓީމް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!