ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ.
ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މެންދުރު 2:46 ގައި ނިޔާވެފަ ވާކަމަށެވެ.
މިއީ މިދިޔަ 48 ގަޑިއިރުތެރޭގައި ނިޔާވި 8 ވަނަ މީހާއެވެ. މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 82 އަށް އެރީއެވެ.
މިއަދު ފުރަތަމަ ނިޔާވީ ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ވެސް ވަނީ މިބަލީގައި 6 މީހަކު ނިޔާވެފަ އެވެ. މާލޭ ސިޓީން ނިޔާވި 3 މީހަކާއި ޅ. ނައިފަރުން ނިޔާވި 2 ދެ މީހަކު އަދި އއ. ރަސްދޫގައި ނިޔާވި މީހަކެވެ.
ރާއްޖެއިން މިހާތަނަށް 33،368 މީހަކު މިބަށްޔަށް ވަނީ ހުށަހެޅިފަ އެވެ. އިއްޔެ އެކަނި ވެސް 703 މީހަކު ޕޮޒިޓިވްވި އެވެ. އެއީ މާލެ ސަރަަހައްދުން ޕޮޒިޓިވްވި 526 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 167 މީހުން ނެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!