ހުރިހާކަމެއްގައި އިންޑިއާއަށް ބަރޯސާވުމުގެ ސިޔާސަތު ދޫކޮށްލައި، ހާރިޖީ މިސްރާބު ބަދަލުކޮށްދިނުމަށް އެދި އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން އިލްތިމާސެއް ކުރަށްވައި ފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވަނިކޮށް ޑރ. މައުރޫފް މިމޭރުމުން ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރަށްވައި، ކުރެއްވި ޓުވީޓެއްގައާއި، ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

Ad
rt

ޑރ. މައުރޫފް ވިދާޅުވީ، ހުރިހާ ކަމެއްގައި އިންޑިޔާއަށް ބަރޯސާ ވުމުގެ ސިޔާސަތު ދޫކޮށްލަން އެދިލަށްވާ ކަމަށެވެ. އަދި މި ނާޒުކު ޙާލަތަށްޓަކައި ހޯދަން ޖެހިފައިވާ ތަކެއްޗާއި ވަސީލަތްތައް ހޯދުމަށް "ޗައިނާ" ފަދަ އެހީ އެއް ވެވޭ ފަދަ ޙާލަތެއްގައިވާ ގައުމު ތަކުން އެހީ ލިބޭތޯ ޚާރިޖީ މިސްރާބު ބަދަލު ކުރަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"އިލްތިމާސް. ހުރިހާ ކަމެއްގައި އިންޑިޔާއަށް ބަރޯސާ ވުމުގެ ސިޔާސަތު ދޫކޮށްލައި، މި ނާޒުކު ޙާލަތަށްޓަކައި ހޯދަން ޖެހިފައިވާ ތަކެއްޗާއި ވަސީލަތްތައް ހޯދުމަށް - ޗައިނާ ފަދަ - އެހީ އެއް ވެވޭ ފަދަ ޙާލަތެއްގައިވާ ގައުމު ތަކުން އެހީ ލިބޭތޯ ޚާރިޖީ މިސްރާބު ބަދަލު ކުރައްވާށެވެ."

=ޑރ. މައުރޫފް ޙުސައިން=

އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަމުން މަދަދުގާރެކެވެ. އާ ސަރުކާރާއެކު އިންޑިއާއި ރާއްޖެއާއި ދެމެދުއޮތް ގުޅުން ވަނީ ވަރަށްބޮޑަށް ބަދަހިވެ، އިންޑިއާއިން ރާއްޖޭއަށް ގިނަ އެހީތަކެއް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ލޯނުއެހީއާއި، ހިލޭ އެހީ ހިމެނެއެވެ. މިގޮތުން ރާއްޖޭގައި އިންޑިއާގެ އެހީގައި ގިނަ ތަރައްގީގެ މަޝްރޫޢުތަކަށް ނިންމައި، އަދި ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ޗައިނާއަކީ ވެސް ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިވާ ޤައުމެކެވެ. ކޯވިޑާއި ގުޅިގެން އިންޑިއާއިން ދެ ލައްކަ ޑޯޒް ވެކްސިން ހަދިޔާކުރިއިރު ޗައިނާއިން ވެސް ދެ ލައްކަ ޑޯޒު ވެކްސިން ހަދިޔާކުރިއެވެ.

ޗައިނާއިން ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދީފައެވެ. އަދި އެ ޤައުމުން ވަނީ ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން 77 ގައުމު ތެރޭގައި ރާއްޖެ ހިމަނާފައެވެ. މީގެއިތުރުން ޗައިނާގެ އެކި ކުންފުނިތަކުން ކޯވިޑްގެ ހާލަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުންނަށް ގިނަ އަދަދެއްގެ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ، ފޭސް މާސްކު، އެން 95 މާސްކް އަދި ގޮގުލްސް ފަދަ ތަކެތި ވަނީ ހަދިޔާކޮށްފަ އެވެ. އަދި ޗައިނާ ސަރުކާރުން ވަނީ ޓެސްޓިންގ ކިޓް އަދި ސާމްޕަލް ސްޓިކް، މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 10 ވެންޓިލޭޓަރުވެސް ހަދިޔާކޮށްފަ އެވެ.