ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިންބުނެފި އެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓުވިޓެއްގައިބުނެފައިވަނީ، މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއްކަމަށެވެ. އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެކަމަށެވެ.
އެޗްޕީއޭއިން މިނިންމުން ނިންމާފައިވާއިރު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން އިތުރު 734 މީހަކު މިއަދުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ އަނެއްކާވެސް މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަމީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.
މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް. އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ. (2/2)
— Health Protection Agency (@HPA_MV) May 5, 2021
ވޭތުވެދިޔަ 3 ދުވަހުވެސް މިބައްޔަށް ޕޮޒިޓިވްވާމީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މާލޭ ސަރަޙައްދުން އެކަނިވެސް 540 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 186 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 07 މީހަކާއި، ސިނާޢީ މަސައްކަތްކުރާ ރަށްރަށުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 32،665އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!