ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ ދަތުރު ކޮށްފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. އަންގާރަ ދުވަހުގެ ރޭ މި ދެޓީމް ވާދަކުރި ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ސިޓީގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ސިޓީއަށް ފައިނަލުގެ ޖާގަ ލިބިގެން ގޮސްފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
އަނިޔާގެ ސަބަބުން ޕީއެސްޖީގެ އިތުބާރު ފޯވާޑް އެމްބައްޕޭ މި މެޗުގައި ކުޅެފައިނުވެއެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ސިޓީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރިޔާދް މަހްރޭޒްއެވެ. އޭގެ ފަހުން ޕީއެސްޖީއަށް ލަނޑެއް ކާމިޔާބު ކުރުމަށް ރަނގަޅު ދެ ފުރުޞަތެއް ވަނީ ލިބިގެން ގޮސްފައެވެ. ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ބޮލުން ފޮނުވާލި ހަމަލާ ސިޓީގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވީއިރު، ޑިމާރިއާ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސިޓީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޕީއެސްޖީގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން މަހްރޭޒްއެވެ.
ޕީއެސްޖީއަށް މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 69 ވަނަ މިނެޓުގައި ސިޓީގެ ފެނާންޑީނިއޯއަށް ޕީއެސްޖީގެ ޑިމާރިއާ ހަމަލާ ދިނުމާއި ގުޅިގެން މެޗުގެ ރެފްރީ ޑިމަރިއާއަށް ރަތްކާޑު ދެއްކުމުންނެވެ. އޭގެ ފަހުން ވެސް ސިޓީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތުން 78 ވަނަ މިނެޓުގައި ފޯޑެން ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ޕީއެސްޖީގެ ގޯލު ދަނޑިއަށެވެ.
ފައިނަލުގައި ސިޓީ ނުކުންނާނީ މާދަމާ ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެއި މަހުގެ 29 ވަނަ ދުވަހު އޮންނާނީ ތުރުކީގެ އިސްތަންބޫލްގެ ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!