ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި މިރޭ 12:00 ގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ ޒަހާއަށް ގުޅުއްވައި މިނިސްޓަރުކަމުން ވަކިކުރެއްވިކަން އަންގަވާފަ އެވެ.
އަދި ފިޝަރީޒް މިނިސްޓަރުކަމުން ވަކި ކުރެއްވުމަށްފަހު ރައީސް އޮފީހުގެ މަގާމަކަށް ބަދަލުކުރެއްވިކަން ވެސް އަލީ ޒާހިރު ޒަހާ އަށް އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފިޝަރީޒް މިނިސްޓަރު ކަމަށް ޒަހާ ވަޑައިގެންނެވީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުންނެވެ. ޒަހާ މަގާމުން ވަކިކުރެއްވުމުން މިހާރު ކެބިނެޓްގައި ތިއްބެވީ އެމްއާރްއެމްގެ 2 ބޭފުޅެކެވެ.
ޒަހާ މަގާމުން ވަކިކުރައްވާފައި މިވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ޒަހާގެ އިތުރުން އެހެން ބައެއް ވަޒީރުން ވެސް ހިމެނެ އެވެ. ރައީސް އޮފީހުން ވެސް ބުނެފައިވާ ގޮތުގައި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ހިނގަމުންނެވެ.
ޒަހާއަށް އެކަށީގެންވާވަރަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!