ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ މުސާރައާއި، މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ތިން ރައީސަކަށް ހޭދަކުރަށްވާ މިންވަރު ސޯސަލްމީޑިއާގައި ހާމަކުރުމުން ގިނަބައެއްގެ ސަމާލުކަން އެކަން އައިސްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް އޭނާގެ ޓްވީޓާގައި ހާމަކުރަށްވާފައިވާ ގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމަށް މަހެއްގެ މައްޗަށް މާލީ އިނާޔަތުގެ ގޮތުގައި 75 ހާސް ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 50 ހާސް ރުފިޔާ ލިބިލަށްވާއިރު، އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި މަހަކު 175،000 ހާސް ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެހެންކަމުން ރައީސް މައުމޫނަށް މަހަކު ޖުމްލަ 3 ލައްކަ ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

Ad
rt

ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ކުރީގެ ރައީސުންނަށް ލިބިލަށްވާ އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި މަހަކު 175،000 ހާސް ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެމަނިކުފާނު ވަނީ މަޖިލިސް ރައީސް ކަމަށް ހޮވިވަޑައިގަތުމުން ކުރީގެ ރައީސެއްގެ ގޮތުގައި ލިބިވަޑައިގެންނެވި ލިވިންސް އެލަވަންސް، މަހަކު 50 ހާސް ރުފިޔާ ނެގުން ހުއްޓަވާލަށްވާފަ އެވެ. ރައީސް ނަޝީދަށް މަޖިލިސް ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 73،125 ރުފިޔާ ލިބިވަޑައި ގަންނަވަ އެވެ. އެހެންކަމުން އެމަނިކުފާނަށް ދައުލަތުން މަހަކު ޖުމްލަ 248،125 ލިބިވަޑައިގަންނަވައެވެ.

މިލިސްޓުން ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 50 ހާސް ރުފިޔާ ލިބިލަށްވާއިރު، އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި މަހަކު 175،000 ހާސް ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެހެންކަމުން ރައީސް ވަޙީދަށް މަހަކު ޖުމްލަ 225،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

އެހެންކަމުން ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ މުސާރައާއި، މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ތިން ރައީސަކަށް މަހަކު 773،125 ޚަރަދު ކުރަށްވަ އެވެ. އަހަރަކަށް 9،277،500 ޚަރަދު ކުރަށްވައެވެ.

ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ މުސާރައާއި، މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ތިން ރައީސަކަށް މަހަކު ދެއްވާ މުސާރައާއި، މާލީ އިނާޔަތްގެ މިންވަރަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓުނުއިރު ދާދިފަހުން ކައުންސިލަރުންގެ މުސާރަތައް ބޮޑު ކުރުމުން ގިނަބަޔަކު ވަނީ ފާޑުކިޔާ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.