ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ބާސާއިން ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ވެލެންސިއާ އަތުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު ބާސެލޯނާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއާއި ދެމެދު އޮތީ އެންމެ ދެ ޕޮއިންޓްގެ ފަރަގެކެވެ. އެތުލެޓިކޯއަށް 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު ބާސާއަށް ލިބިފައިވަނީ 34 މެޗުން 74 ޕޮއިންޓެވެ. ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 34 މެޗުން 74 ޕޮއިންޓެވެ. ނަމަވެސް އެ ޓީމަށް ދެވަނަ ލިބެނީ ތިންވަނާގައި އޮތް ބާސާއާއި ރެއާލް މެޑްރިޑް ލީގުގައި ބައްދަލުކުރި ދެ މެޗު ވެސް ރެއާލް ކާމިޔާބު ކޮށްފައިވުމުން ހެޑް ޓު ހެޑްގެ ޤަވައިދުގެ ދަށުންނެވެ. ހަތަރު ވަނާގައި ސެވިއްޔާ އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

މި ހަތަރު ޓީމަށް ވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުޞަތު އޮތްއިރު އަންނަ ހޮނިހިރު ދުވަހު ބާސާ ނުކުންނާނީ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލް ނުކުންނާނީ އަމިއްލަ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށެވެ. މި ދެ މެޗުގެ ނަތީޖާއަކީ މި ހަތަރު ޓީމަށް ވެސް ލީގު ހޯދުމުގެ ރޭހުގައި މުހިންމު ނަތީޖާއަކަށް ވެގެންދާނެއެވެ.

ރޭގެ މެޗުގައި ބާސާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ބާސާއަށް ވަނީ ލަނޑުޖހާނެ ރަނގަޅު ފުރުޞަތު ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. މިގޮތުން ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއަށް ލިބުނު ހުސް ދެ ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ފަސް ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑުޖަހައި މެޗުގެ ލީޑު ފުރަތަމަ ހޯދީ ވެލެންސިއާއިންނެވެ. މި ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޕައުލިސްޓާއެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ބާސާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރ ސިލެސަން ދިފާއުކުރި ނަމަވެސް ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެސީ ވަނީ ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ބާސާއަށް ލީޑު ލިބުގެން ގޮސްފައިވަނީ 63 ވަނަ މިނެޓުގައި ގްރިޒްމަން ކާމިޔާބުކުރި ލަނޑާއިއެކުގައެވެ. ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ 69 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން މެސީއެވެ. ވެލެންސިއާއިން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ކާލޮސް ސޮލާ ބާސާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކުރި ލަނޑުންނެވެ.