މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މުޙައްމަދު އިޤްނާޛު ޢަލީ އިންތިޚާބު ވެއްޖެ އެވެ.
ވެލާނާގޭގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، އެމްއެމްސީގެ ހުސްވެފައިވާ ގޮނޑިއަށް އިޤްނާޛު އިންތިހާބުވެފައިވަނީ "ފެށުން" ގެ ފަރާތުންނެވެ.
އިޤްނާޛު އާއި ވާދަކުރީ "އެޓޯލް ނިއުސް"ގެ އިބްރާހީމް ރަމީޒުއެވެ. އިޤްނާޛުއަށް 36 ވޯޓްލިބިފައިވެ އެވެ. އިބްރާހީމް ރަމީޒުއަށް ލިބިފައިވަނީ 1 ވޯޓެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 66 ފަރާތެއް ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓު ލާފައިވަނީ 37 ފަރާތަކުންނެވެ. އިޤްނާޛު މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓު ހޯދައިގެންނެވެ.
މުޙައްމަދު އިޤްނާޒް ޢަލީއަކީ، ނ. ފޮއްދޫއަށް ނިސްބަތްވާ ޒުވާނެކެވެ. "ފެށުން" ގެ ސީނިއާ ޖާނަލިސްޓެއްގެ އިތުރުން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުގައި ޕްރެޒެންޓްކޮށް، މިހާރުވެސް ޕްރެޒެންޓް ކުރަމުންދާ ހަރަކާތްތެރި ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!