އިއްޔެއަކީ މި ސަރުކާރު ހިނގަގަތްފަހުން ސިޔާސީ އެންމެ ބޮޑު އެއް އަޑުކީ އެއް ދުވަހަށްވާނެއެވެ. އިވިގެން ދިޔައީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވުމުގެ އަމަލީ މަސައްކަތް ފައްްޓަވާފައިވާ ކަމުގެ އަޑެވެ. ރައީސް ޞާލިޙްގެ އެ ނިންމުން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް އެންގެވިކަމުގެ އަޑެވެ.
އެ އަޑާއެކު އޭގެފަހަތުން ހަގީގަތްތަކެއް ވެސް ކުލަވާކަން ޤަބޫލު ކުރެވެއެވެ. ސަބަބަކީ ރައީސް ޞާލިޙް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށެވެ. ވެރިކަމުގެ ދައުރު ދެބައިވީއިރު އެކަން ހާސިލްކުރެއްވުމަށް ކެބިނެޓަށް ވެސް ގެންނަވަންޖެހޭ ބަދަލެއް ގެންނަވާނެކަން ޤަބޫލު ކުރަންޖެހެއެވެ. ރައީސް ބޭނުންފުޅުވާ ބާރުމިނުގައި ކަންކަން ގެންދިޔުމަށް، ރައީސްގެ ވިސްނުންފުޅަށް އެންމެ ހެޔޮގޮތަށް ކަންކަން އަތްމަތިކުރަށްވާނެކަން ވެސް ޤަބޫލުކުރަން ޖެހެއެވެ.
ވެރިކަމަށް ދެއަހަރާ ބައިވީއިރު ކެބިނެޓުން ފަސް ވަޒީރެއް ވަކިވެއްޖެއެވެ. ބައެއް ވަޒީރުން ކުރިމަތިވި ފިއްތުންތަކަށް ހަތިޔާރުބެހެއްޓެވީއެވެ. އެ ވަޒީރުންނަކީ މަގާމުން އިސްތިއުފާ ދެއްވި، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު އަދި ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީނެވެ. އެބޭފުޅުން ތެރެއިން ސިދާތާ ނިސްބަތްވަނީ އަދާލަތު ޕާޓީއަށެވެ. އާތިފާ ނިސްބަތްވަނީ އެމްއާރުއެމް އަށެވެ. އަމީން ނިސްބަތްވަނީ ޖުމްހޫރީ ޕާޓީއަށެވެ. އެބޭފުޅުން އިސްތިއުފާދެއްވީ އެމްޑީޕީގެ ބިޔަ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހުން އެބޭފުޅުން "ނަގާ އެއްލައިލާފާނެހެން" ހީވީމައެވެ.
ދެން ތިއްބެވީ ސީދާ ރައީސް މަގާމުން ވަކިކުރެއްވި ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަޙީދާއި، މަޖިލީހުން އިތުބާރުނެތް ކަމަށް ފާސްކޮށް ވަކިކުރި ކޮމިނިޔުކޭޝަން މިނިސްޓަރު މަލީޙް ޖަމާލެވެ. ޢަލީ ވަޙީދު މަގާމުން ވަކިކުރެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފަ ވަނިކޮށެވެ. މި ދެ ވަޒީރުން ވެސް ނިސްބަތްވަނީ ޖުމްހޫރީ ޕާޓީއަށެވެ.
ދެއަހަރާއި ބައިވިއިރު މަގާމު ނުގެއްލި އޮތީ ރައީސް ޞާލިޙްވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއަށެވެ. އޭގެ ބަދަލުގައި އެ ޕާޓިއަށް ވުޒާރާއެއްވަނީ އިތުރުވެފަ އެވެ. ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަނުކުރަށްވާފައިވާއިރު، ހައުސިން މިނިސްޓްރީއާއި ޕްލޭނިން އެއްކޮށްލެއްވީއެވެ. އެ ވުޒާރައިގެ މިނިސްޓަރަކީ އެމްޑީޕީގެ އަސްލަމެވެ.
ހުސްވި ވުޒާރާތަކުން ޓުރިޒަމް މިނިސްޓްރީ ދިނީ ހަމަ ޖޭޕީއަށެވެ. ޖެންޑާ މިނިސްޓްރީ ދެއްވި މިނިސްޓަރު އައިޝާއަކީ ކޮންޕާޓީއެއްގެ ބޭފުޅެއްކަން ސާފެއް ނުވެއެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަދި އޮތީ ހުހަށެވެ.
ކެބިނެޓަށް ބަދަލުތަކެއް!
ކެބިނެޓަށް ގެނެވޭ ބަދަލު ގުޅޭނީ ސަރުކާރުން ހޯދަން ބޭނުންފުޅުވާ ނަތީޖާއަށް ކަމަށް ބެލެވެއެވެ. މާނައަކީ އެ ވުޒާރާއެއްގެ މަސައްކަތް ސަރުކާރުން ގެންދަން ބޭނުންވާ ބާރުމިނެއްގައި ގެންދިޔުމަށް އެކަން ކުރެއްވޭނެކަމަށް ޤަބޫލު ކުރެއްވޭނެ ވަޒީރުން އައްޔަނު ކުރަށްވާނެއެވެ.
އަޑުފެތުރިފައިވާ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ވަކިރާނެއެވެ. އެ މަގާމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަމަޖައްސަވާނެކަމަށް އަޑުކިޔައެވެ. ބައެއް މީހުން ދެކޭގޮތުގައި ހުސެންއަށް އެ ފުރުޞަތު ނުލިބި މަގާމް ގެއްލޭ ބޭފުޅަކަށް ވެސް އޭނާ ވެދާނެއެވެ. އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމަށް ފައްކާކޮށްފައި ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ކަމަށް އަޑުއިވެއެވެ. ޒަހާއަށް ރައީސް އޮފީސް ތެރޭން ޖާގައެއް ދެއްވާނެ ކަމަށް ވެސް ކިޔައެވެ.
ދެންއޮތީ މިހާތަނަށް އާންމުންގެ މާބޮޑު ޝަކުވާއެއް ނީވޭ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެ ވުޒާރާ ހިންގަވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތް ޑރ. އިބްރާހިމް ހަސަން އެވެ. އެ ވުޒާރާގެ ވަޒީރުވެސް ބަދަލުވެދާނެ ކަމަށް ކިޔައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެތެރޭގެ ކޯޅުން އަދިވެސް ނުނިމިއޮތްކަމަށް ކިޔާއިރު، އެ މިނިސްޓްރީގެ ބައެއް ޚިދުމަތްތަކާމެދު ބައެއް އާންމުން ދޭތެރެ ދޭތެރެއިން ނުރުހުން ފާޅުކުރެއެވެ. ވަޒީރަށް ބަދަލުއަތުވެދާނެ ވުޒާރާއަކަށް ޓްރާންސްޕޯޓް ވެދާނެކަމަށް ބައެއް މީހުން ހިސާބު ޖެހިނަމަވެސް އެ ވުޒާރާގެ ވަޒީރު ހުންނެވީ ހިކިފަސްތަނެއްގައި ކަމަށް ދެކޭމީހުން މަދެއް ނޫނެވެ.
މިއިން އެއްވެސް ރޯޅިއެއް ބީހިނުލާ އޮތީ ކޯލިޝަންގެއަދާލަތު ޕާޓީގައެވެ. އެ ޕާޓީގެ އެއްވެސް ވުޒާރާއެއްގެ ވާހަކަ އަޑެއް ނީވެއެވެ.
ވައުދުތައް ފުއްދާނުދީ ވެރިކަމުގެ ވާހަކަ އަޅުގަނޑު ދައްކަން ހެޔޮނުވާނެ!
މިހާހިސާބުން މިއަހަރުގެ މާރިޗް 10 ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމަށް ޖެހިލާނަމެވެ. އެ ދުވަހު ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރުގައި ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދައި ދެވޭތޯކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައީސްގެ ފުރަތަމަ އަމާޒަކީ ވަޢުދުފުއްދެވުމެވެ. އެމަސައްކަތް ކުރައްވަނީ އެމަގުންނެވެ.
މިމަހުގެ 10 ވަނަ ދުވަހު ނިމުނު ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކަނޑައެޅި އަމާޒަކީ 80 އިންސައްތަ ގޮނޑި ކާމިޔާބު ކުރުމެވެ. ނަމަވެސް އެ އުންމީދު ހާސިލެއް ނުވިއެވެ. އެހެންކަމުން ސަރުކާރުގެ ތެރޭގައި ހުރި ރައްޔިތުން ކަންބޮޑުވާ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި ވެއެވެ. އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި މަސްވެރިކަމުގެ ދާއިރާއަށް ގެންނަން ވައުދުވެވަޑައިގެންނެވި ބަދަލުތައް ގެނެސް ނުދެވި މަސްވެރިންގެ ހިތްހަމަނުޖެހުން އޮތްކަން ފާހަގަ ކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެނައި ބައެއް ބަދަލުތައް މަސްވެރިން ބަލައިނުގަތް ކަމަށްވެސް ސާފުކޮށް ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ރައީީސް ފައްޓަވައި އެކަން ޕާޓީތައް އަންގާފައިވާކަން ސިޔާސީ ޕާޓީތަކުން ދޮގެއް ނުކުރެއެވެ. މި ބަދަލު ގެންނަން ޖެހުނު ސަބަބެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންނަށް ރައީސް އެންގެވީ ބައެއް ވުޒާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމުގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގެންނެވުމެވެ. ވުޒާރާތަކުގެ މަސައްކަތް ހަލުވިކުރަށްވަން ރައީސް ބޭނުންފުޅުވީއެވެ.
އަންނަ ހަފުތާތެރޭ މިބަދަލުތައް ފެންނަން ފަށާނެކަމަށް ވެސް ބުނެއެވެ. މި ދަނޑިވަޅަކީ އެހެން ސިޔާސީ ރާޅެއް ވެސް ބިންދާލަން ތައްޔާރަށް އޮތް ދަނޑިވަޅެކެވެ. އެއީ ބަރުލަމާނީ ރާޅެވެ. ކިޔާއަޑުތަކުގައި ޖެހޭ ކުލަބަލަން ތިބެމާ ހިނގާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!