ޔުއެފާ ޔޫރަޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކާމިޔާބުކޮސް މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުޞަތު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޔުނައިޓެޑުންނެވެ. ނުވަވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާއިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. ރޯމާގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ލޮރެންޒޯ ޕެލްގްރީނީއެވެ. ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑެން ޒެކޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއިން ރޯމާ ކުރީގައި އޮވެގެންނެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ފަސް ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލައި ފައިނަލުގެ އުންމީދު ވަރަށް ބޮޑަށް ބޮޑު ކޮށްފައެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު 48 ވަނަ މިނެޓުގައި ކަވާނީ ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިންއިރު، 64 ވަނަ މިނެޓުގައި ކަވާނީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ހޯދައި ދީފައެވެ. ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. ފަސްވަނަ ލަނޑު 75 ވަނަ މިނެޓުގައި ޕޮގްބާ ކާމިޔާބު ކޮށްދިންއިރު ހަވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ގްރީންވުޑެވެ.

މި ދެ ޓީމް ބައްދަލުކުރާ ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު ރޯމާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މޭމަހުގެ ހަވަނަ ދުވަހުގެ ރެއެވެ. ޔުނައިޓެޑަށް މި މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރެވިފައިވަނީ 2017 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

ޔޫރަޕާ ލީގުގެ ސެމީފައިނަލުގައި ފުރަތަމަ ލެގުގައި އާސެނަލް ވަނީ ސްޕެއިންގެ ވިޔަރެއާލްއަތުން ބަލިވެފައެވެ. މި ދެޓީމް ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ވިޔަރެއާލުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މަނޫ ޓްރިގޭރޯސް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ވިޔަރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރައުލް އަލްބިއޯލެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެވަނަ ރީނދޫ ކާޑާއެކު އާސެނަލުގެ ޑެނީ ސެބާޔޯސްއަށް ރަތް ކާޑެއް ދެއްކި ނަމަވެސް، މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އަދި އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ވިޔަރެއާލުގެ އެޓިއެން ކަޕޫއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި ދެ ޓީމް ބައްދަލުކުރާ ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މޭމަހުގެ ހަވަނަ ދުވަހުގެ ރެއެވެ.