ހއ. ހޯރަފުށި ހަހެތި ޖަމިއްޔާއިން "ހަހެތި ހޯރަ މަދަހަ މުބާރާތް 1442" ނަމުގައި، މަދަހަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މުބާރާތަކީ އެރަށު އަތަމާގެ، އަމީނާ އަބްދުއްރަހްމާން ހަނދާނުގައި އެ ޖަމިއްޔާއިން ބާއްވާ މުބާރާތެކެވެ.
އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ނަން ނޯޓުކޮށް މިހާރު ނިމިފައިވާއިރު، މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ 7 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ކުދީންނަށެވެ.
މި މުބާރާތުން އެއްވަަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ދެވަނަ އަށް އަންނަ ފަރާތަކަށް 2500 ރުފިޔާ، އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް 1500 ރުފިޔާގެ އިނާމް ދިނުމަށް ވަނީ ނިންމާފަ އެވެ.
މިޖަމިއްޔާއިން ވަނީ މިދިޔަ އަހަރުވެސް، "ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441" ނަމުގައި މަދަހަ މުބާރާތެއް ބާއްވާފަ އެވެ.
ހަހެތި ޖަމިއްޔާއަކީ ޢުމުރުން 20 އަހަރުން ދަށުގެ ޒުވާނުންތަކެއް އެކުވެގެން އުފައްދައި، ހއ. ހޯރަފުށީގައި އިޖުތިމާއީ ހަރަކާތް ހިންގަމުން އަންނަ ޖަމިއްޔާ އެކެވެ.
އެ ޖަމިއްޔާގެ ފަރާތުން ކުރިޔަށްގެންދެވޭ ހަރާކާތްތަކުގެ ތެރެއިން، "ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441" ބޭއްވުމުގެ އިތުރުން 20 އަހަރުން ދަށުގެ ޒުވާން ކުދިންނަށް އަމާޒު ކޮށްގެން އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް ވަނީ ބާއްވާފައެވެ. އޭގެ އިތުރުން އަޖަމްއިއްޔާއިން ދަނީ ރަށުގެ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ވަނީ ހޯރަފުށީ އެއަރޕޯޓް ފެހިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެއަރޕޯރޓް ސަރަހައްދުގައި ގަސްއިންދުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!