ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ފުރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރުމަށް ފަހު މެންޗެސްޓާ ސިޓީން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑު ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ޕީއެސްޖީން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދީފައިވަނީ ޑިމާރިއާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމްގެ ޑިފެންޑަރ މާކީނިއޯސްއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ސިޓީއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ސިޓީގެ ފިލް ފޮޑެން ޕީއެސްޖީގެ އޭރިއާގެ ތެރޭގައި ހުސްކޮށްހުރެ ފޮނުވައިލި ހަމަލާ ޕީއެސްޖީގެ ކީޕަރ ނަވާސް ވަނީ މަތަކޮށްފައެވެ.

Ad
rt

ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ސިޓީން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައެވެ. ސިޓީން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ޕީއެސްޖީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ވަތްއިރު، ޕީއެސްޖީގެ ޑިފެންޑަރުންނާއި ކީޕަރަށް އެ ބޯޅަ ހުއްޓުވަން ރަނގަޅަށް މަސައްކަތް ކުރެވިފައި ނުވެއެވެ.

ސިޓީން މެޗުގެ ނަތީޖާ އެ ޓީމްކޮޅަށް އަނބުރާލި ލަނޑު މެޗުގެ މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައިވަނީ މަހްރޭޒްއެވެ. މެޗުގެ ފަހުބައިގައި ޕީއެސްޖީއަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ އެ ޓީމްގެ އިދްރީސާ ގަޔާއަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް މެޗުގެ ރެފްރީ ރަތްކާޑް ދައްކާފައި ވަނީ ސިޓީގެ ޖަރުމަނު މިޑްފީލްޑަރ ގުންޑަގަންއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗު އަވޭގައި ކުޅެ ކާމިޔާބު ކުރެވުމުން ސިޓީއަށް ވަނީ އެ ޓީމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުވެފައެވެ. މި ދެ ޓީމް ވާދަކުރާ ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައެވެ.